Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރޭ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: އައްޑޫ ލައިވް

ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރާއި އަދި އެ ބަލީގައި މަރުވާ މީހުންގެ ނިސްބަތަށް ބަލާއިރު އެ ބައްޔާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްއެގް އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޓްވީޓާގައި ޓެގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ. އެހެންވެ، ހަރުކަށި ފިޔަވަޅުތަކެއް އަޅައި ދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ވެސް މައުމޫންގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވެފައި މިވަނީ ކުއްލި އަކަށް މިބަލީގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު ގިނަވުމާއި އަދިވެސް ރާއްޖެއިން ޕޮޮޒިޓިވް ކޭސްތައް ފެންނަ މިންވަރަށް ބަލާފައެވެ.

މިހާތަނަށް ރާއްޖެއިން މިބަލީގައި 12 މީހަކު މަރުވެފައިވެއެވެ. އެއީ ހަ ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.

ރާއްޖެއިން މިހާތަނަށް މި ބަލީގައި 2،469 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 2،049 މީހުން ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. މިހާރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ދެމުން ދަނީ 403 މީހުންނަށެވެ.