Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އޭސީސީ ފެއިލްވެއްޖެ: އެމްޑީޕީ މެންބަރުން

އޭސީސީގެ މެމްބަރުން - ފޮޓޯ: ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފެއިލްވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި މިއަދު ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅާފައިވާ ސިޓީއަކާއި ގުޅިގެން މަޝްވަރާ ކޮށްފައެވެ. ހަސަން ލަތީފު ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައިވެސް އަދި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީން ވެފައިވާ އެންމެ މުހިއްމު ވައުދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުން ކަމަށް ފާހަގަކުރައްވާފައިވެއެވެ.

އެ މައްސަލަ އަށް މަޝްވަރާ ކުރުމަށް މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި ބިލެއްދޫ ދާއިރާގެ މެންބަރު މުހައްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލީހުން އޭސީސީ އަށް އައްޔަން ކުރެއްވި މެންބަރުން ޖިނާއީ މައްސަލަތަކަށްވުރެ ބޮޑަށް ބަލާފައި ވަނީ އިދާރީ މައްސަލަތައް ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި 719 މައްސަލަ އޭސީސީން ނިންމާފައިވާއިރު 707 މައްސަލަ އެއް ނިންމާފައިވަނީ އެ މައްސަލަތަކުގައި ކޮރަޕްޝަންގެ އަމަލުތައް ނުހިމެނޭ ގޮތަށް ކަމަށެވެ. ސަބަބެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ދޮންބިލެއް ވިދާޅުވީ އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުން ކަމަށެވެ.

"މި އަޅުގަނޑުމެން ސަރުކާރުން އަލަށް ލީ ހުރިހާ މެމްބަރުން ފެއިލްވެއްޖެ،" ދޮންބިލެއް ވިދާޅުވިއެވެ.

އިނގުރައިދޫ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ، އޭސީސީ ވަނީ ގާނޫނާއިވެސް ހިލާފުވެފައި ކަމަށެވެ. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށެވެ. އަދި އެ ކޮމެޓީން މީގެކުރިން އޭސީސީގެ މެންބަރުންނާއި އެކުގައި ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސާ ދެއްވި ޖަވާބުތަކާއި ގުޅިގެންވެސް ވިސާމް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

ކޮމިޓީގެ ބައެއް މެމްބަރުން ވަނީ އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމަށްވެސް މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އެކަމަށް ކޮމެޓީގެ ބައެއް މެންބަރުންގެ ތާއީދެއް ލިބިފައި ނުވެއެވެ.