Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

ތިނަދޫ އަށް އުދަ އެރި މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

މެންބަރު ސަނީފު މަޖިލިސް ޖަލްސާއެއްގައި --

ގދ. ތިނަދޫ އަށް މޫސުން ގޯސްވެ އުދަ އެރި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރުމަށް 37 މެންބަރަކު ވޯޓު ދެއްވިއެވެ.

ސަނީފު ވިދާޅުވީ އެ މައްސަލައަކީ މިއަދާއި ހަމައަށްވެސް އެއްވެސް ހައްލެއް ލިބިފައި ނުވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ ކުރިޔަށް އޮތް ދުވަސްތަކުގައި ތިނަދޫގެ 12،000 ރައްޔިތުންނާއި އެރަށަށް އެކިއެކި ބޭނުންތަކަށް ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރާ 1500 މީހުން ނުރައްކަލަށް ހުށަހެޅިދާނެ ކަމަށެވެ.

ސަނީފު ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ތިނަދޫ އަށް އުދަ އަރާ އެތައް ރައްޔިތުންތަކެއްގެ މުދަލަށް ގެއްލުންވެފައިވާ ކަމަށެވެ. ރަށުގެ ބަނދަރުގައި އޮތް އޮޑިދޯނި ފަހަރު މަރާމާތު ކުރަން ޖެހިފައިވާ ހިސާބަށް ގޮސްފައިވާ ކަމަށް ކަންބޮޑުވުމާއި އެކުގައި ސަނީފު ފާހަގަކުރެއްވިއެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި އެހެންޏާވެސް އެރަށަށް އުދަ އެރި ނަމަވެސް މިފަހަރު އެރި ގޮތަށް މިފަހުގެ ތާރީހެއްގައި އެރަށަށް އުދަ އަރާފައެއް ނުވެއެވެ.