Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިދިކޮޅުން "ފެއިލް ވެއްޖެ" ރެލީއެއް ބާއްވަނީ

މިސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަންނަ ހަފުތާ ހުކުރު ދުވަހު މާލެ ކާނިވަލް ސަރަހައްދުގައި ރެލީއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މިރެލީއަށް ނަން ދިނީ ވެސް "ފެއިލް ވެއްޖެ" އިން ކަމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ކުރި ޓުވީޓެއްގައި އިއުލާން ކޮށްފައިވެއެވެ.

އިދިކޮޅުން ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ކުރައްވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފު ކަންތައް ކަމަށް ބުނެ ޖަލްސާތަކަށް ދިއުން ވެސް ހުއްޓާލާފައެވެ. ނަމަވެސް މިހަފްތާގައި އަލުން ޖަލްސާތަކުގައި ބައިވެރިވާން މެމްބަރުން ވަނީ ފަށާފައެވެ.

ސަރުކާރު ފެއިލް ވެފައިވާ ކަމަށް ބުނެ އިދިކޮޅުން ރެލީއެއް ބާއްވަން ނިންމާފައިވަނީ ގައުމުގެ ހާލަތު ބޮއްސުން ލައިގެން ދާއިރު ސަރުކާރަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެއެވެ.

ކޮވިޑް 19 ފެތުރުން އަދިވެސް ކޮންޓްރޯލް ނުކުރެވި އޮތް ދަނޑިވަޅެއްގައި ގިނަ މީހުން އެއްވުމަށް ހިތްވަރު ނުދޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ރައްކާތެރިނުވާނަމަ އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ރޭ ވެސް ޑރ. މުއާޒް ވަނީ ވިދާޅުވެފައެވެ.