Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

މިވަގުތު ރައްޔިތުން އިތުރަށް ފެލުން ބުއްދިވެރިއެއް ނޫން: ޖާބިރު

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި އިތުރަށް ރައްޔިތުން ފެލުމަށް ތާއީދު ނުކުރައްވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި އިމްޕޯޓް އެކްސްޕޯޓް ބިލަށް ހުށައެޅުނު އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ މިވަގުތު އެދުމަކީ އެއްވެސް އެއްޗަކުން(އިތުރަށް) ޑިއުޓީއެއް ނުނެގުމަށް ކަމަށެވެ.

އިތުރަށް ރައްޔިތުންނަށް ތަކުލީފެއް ނުޖައްސައި، މިވަގުތު އިސްކަން ދޭންވީ، ރައްޔިތުންނަށް ލުޔެއް ދިނުމަށް ކަމަށާއި އެމަސައްކަތް ތަންކޮޅެއް ހަރުކޮށް ކުރުމަށް މަޖިލީސް ރައީސާއި މެމްބަރުންނަށް އެދިލައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިވަގުތަކީ ދިވެހި ރައްޔިތުން އަތުން އިތުރަށް އެއްޗެހި ނަގަންވީ ވަގުތެއް ނޫން ކަމަށާއި، މަޖިލިސް މެމްބަރުން ވެސް އެ މެމްބަރުން ހޮވި ރައްޔިތުންނާ މެދު ތަންކޮޅެއް ވިސްނާލުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.

ގައުމުގެ އިގްތިސޯދު ފުނޑެމުން އަންނަކަން ފާހަގަކޮށް ޖާބިރު ވަނީ ވިޔަފާރި ބަނގުރޫޓު ވަމުން އަންނަ ކަމަށާއި ކެފޭ ރެސްޓޯރެންޓުތައް ހުއްޓާލަން ޖެހޭތީ އިމްޕޯޓް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ އިމްޕޯޓު ކުރާއިރު އިތުރު ޑިއުޓީ ނަގައި ރައްޔިތުން އަތުން އިތުރު ފައިސާ ނެގުމަށް ތާއީދު ނުކުރާ ކަމަށް ތަކުރާރުކޮށް ޖާބިރު މަޖިލީހުގައި ވިދާޅުވިއެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނީ އަނެއްކާވެސް ބައެއް ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށެވެ. އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި އެނާޖީ ޑްރިންކު ހިމެނެއެވެ.