Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

އިދިކޮޅުގެ ކަންބޮޑުވުންތައް ޕީޖީއާ ހިއްސާކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކަންބޮޑުވުންތައް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްއާ ހިއްސާ ކުރައްވައިފިއެވެ.

ޕީޖީ އޮފީހުގައި މިއަދު އޮތް އެ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް އުފުލަމުންދާ ދައުވާތަކާއި މިހާރުގެ ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމާއި ގުޅިގެން އިދިކޮޅުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ކަމަށެވެ.

މީގެއިތުރުން މޯލްޑިވިސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނާއި ހިލާފު ރިޕޯޓު ނެރުނު މީހުންނަށް ދައުވާ ނުކޮށް ލަސްވާ މައްސަލައިގެ ކަންބޮޑުވުންވެސް އިދިކޮޅުން ވަނީ ހިއްސާކޮށްފައެވެ. އަދި މިހާރަކަށް އައިސް މުޖުތަމައުގެ ތެރޭގައި ހިނގަމުން އަންނަ މައްސަލަތަކުގައި ފިޔަވަޅު އެޅުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އިދިކޮޅުން ވަނީ ޕީޖީ ޝަމީމް އާއި ހިއްސާ ކޮށްފައެވެ.

އިދިކޮޅުން ޕީޖީ އާއި ބައްދަލުކުރައްވާފައިވާއިރު މާދަމާ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތެއް ހައިކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.