Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އައްޑޫ އަދި ކުޅުދުއްފުށި ސިޓީގެ ޕޯޓަށް ގެންނަ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ކުޑަކުރަނީ

ބައެއް ފިހާރަތަކުން ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލައިފި- ފޮޓޯ- މީސް މީޑިއާ

އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ ޕޯޓަށް ގެންނަ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެގޮތުން އެ ޕޯޓުތަކަށް ގެންނަ ދުންފަތުގެ ބާވަތްތަކުން 50 ޕަސެންޓު ކުޑަ ކުރުމަށް ވަނީ ނިންމާފައެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތައް ދިރާސާ ކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ޕޯޓުތަކަށް އެތެރެ ކުރާ މުދަލުން 50 ޕަސެންޓު ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައެވެ.

އެފަދައިން 50 ޕަސެންޓު ކަނޑާލުމަށް އޭނާ ވަނީ ގިނަ ޗެޕްޓަރުތަކެއް ހުށަހަޅާފައެވެ. އޭގައި 96 ޗެޕްޓަރު ހިމެނޭއިރު އެ ޗެޕްޓަރުތަކުގައި ހިމެނެނީ އުފައްދާފައިވާ ހުންނަ ބާވަތްތަކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ ތަކެތިވެސް އޭގެ ތެރޭގައި ހިމެނޭއިރު މިހާރު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ ތަކެތިން 200 ޕަސެންޓު ނަގައެވެ. ނަމަވެސް އައްޑޫ އަދި ކުޅުދުއްފުއްޓަށް ގެންނަ ބާވަތްތަކުން 50 ޕަސެންޓު އުނި ކުރާނެއެވެ.