Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ގައުމީ ތަރައްގީގެ ދުރުރާސްތާ ޕްލޭނެއް ހަދަން ޖެހޭ

ދިވެހި ގައުމު ހަމަ މަގަށް އެޅުވުމަށް ރައްޔިިތުންގެ ބައިވެރިވުމާއެކު ހެދޭ ދުރުރާސްތާ ޕްލޭނެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން އަންނަ މި ޕްލޭނަކީ ކޮންމެ ސަރުކާރަކުން ވެސް އަމަލުކުރަން ޖެހޭނެ ޕްލޭނަށް ހެދުމުން ގައުމު އޮޅުން ބޮޅުމެއްގެ ތެރޭ އަބަދު ނޯންނާނެ ކަމަށެވެ.

އޭނާގެ މައުޟޫ އަލިއަޅުވާލީ މެލޭޝިޔާ ކުންފުންޏަކާ ހުޅުމާލޭގައި 25 ބުރީގެ އިމާރާތެއް އަޅަން ކުރީ ސަރުކާރުން ހަވާލު ކުރުމަށް ފަހު މިސަރުކާރުން އެ ޕްރޮޖެކްޓު ހުއްޓުވައި ދޭން ޖެހޭ ފައިސާ ނުދިނުމުން އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ކޯޓުގައި ރާއްޖެއާ ދެކޮޅަށް ދައުވާކޮށް 22 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކަން ހުކުމް ކުރުމާ ގުޅިގެންނެވެ.

އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ފަރާތުން ބޭރު ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި އެހެން ގައުމުތަކުގެ އާބިޓްރޭޝަން ސެންޓަރަށް ދިއުމަށް ނުވަތަ އެހެން ގައުމުތަކުގެ ގާނޫނާއި އިޚުތިސާސް އެޕްލައި ކުރާ ގޮތަށް ހުރުމުން ދިވެހި ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބެމުން އަންނަ ކަމަށެވެ.

ކޮންމެ ސަރުކާރެއް އައިސް، އޭގެ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލުމަކީ އާންމު ކަމެކެވެ. ކޮންޓްރެކްޓާ ޚިލާފަށް މަޝްރޫއު ހުއްޓާލުމުން ކޯޓު މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާ އެކުންފުނިތަކުން ދައުލަތުން ނަގާކަން ފާހަގަކޮށްލެވެއެވެ.

މިސަރުކާރުގެ ކުރީކޮޅު މިފަދަ އެތައް މައްސަލައެއް ބަލައި ސަރުކާރު އިސް މަގާމުތަކުގައި ތިބި ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވަނީ މިލިއަނުން ލާރި ދިނުމަށް ކޯޓުން ހުކުމްކޮށްފައެވެ. މިފަދަ ގިނަ މައްސަލަތައް ދައުލަތުގެ ފަރާތުން އިސްތިއުނާފު ވެސް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.