Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

ސުލެއިމާނީ މަރާލީ ގާނޫނުތަކާ ޚިލާފަށް: އދ

އިރާންގެ އިސް މިލިޓަރީ އޮފިޝަލް، ޤާސިމް ސުލެއިމާނީ މަރާލީ ގާނޫނުތަކާ ޚިލާފަށް ކަމަށް އދ. ގެ މިފަދަ މަރުތަކާ ބެހޭ ކޮމިޓީގެ ރިޕޯޓަކުން ނިންމައިފިއެވެ.

ޖެނުއަރީ 3 ގައި ޤާސިމް ސުލެއިމާނީ މަރާލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަކަށް ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓުގައި ޑްރޯން އެޓޭކެއްގައެވެ. ސުލެއިމާނީ މަރުވިކަން އިއުލާން ކުރުމަށް ފަހު ޓްރަމްޕް ވަނީ އޭނާއަކީ ދުނިޔޭގެ ޓެރަރިސްޓުންގެ ލިސްޓުގެ އެއްވަނަ ކަމަށާއި ކުރިންވެސް މަރާލަން ޖެހޭ މީހުންގެ ތެރޭ ސުލައިމާނީ ހިމެނޭ ކަމަށެވެ.

މިމައްސަލަ އދ. އިން ބެލުމަށް ފަހު ނިންމާފައިވަނީ އދ. ގެ ޗާޓަރާ އެމެރިކާއިން ޚިލާފު ވެފައިވާ ކަމަށެވެ. ސުލައިމާނީ މަރާލީ އެއްވެސް އަސާސަކަށް ބިނާ ކުރުމެއް ނެތި، ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށް އދ. އިން ވަނީ ނިންމާފައެވެ.

އެމެރިކާއިން މިހާތަނަށް ބުނެފައިވަނީ ސުލެއިމާނީ މަރާލީ، އެމެރިކާ ފަސްގަނޑު ހިމާޔަތް ކުރުމަށް ކަމަށެވެ. ނަމަވެސް ސުލެއިމާނީގެ ފަރާތުން ލިބުނު ނުރައްކަލެއްގެ ހެއްކެއް އެމެރިކާއަށް ދެއްކިފައި ނުވާ ކަމަށް އދ. ގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އެމެރިކާގެ ހަމަލާގައި ސުލެއިމާނީއާ އޭނާއެކު ތިބި މީހުން މަރާލާފައިވަނީ އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ލޯ އާ ޚިލާފަށް ކަމަށާއި އެކަމުގައި އެމެރިކާ ޒިންމާ ނަގަން ޖެހޭނެ ކަމަށް ރިޕޯޓުގައި ނިންމާފައިވެއެވެ.