Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ދައުލަތުން ކުޑަކުދިންގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

ދައުލަތުން ކުޑަކުދިންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް މި ގަރާރު ހުށަހެޅުއްވީ މިހާރަށް ވުރެ ބޮޑަށް ދައުލަތުން އެ ފަރާތްތަކަށް ސަމާލުކަން ދިނުމަށާއި ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށެވެ. މި ގަރާރުގައި ކުޑަކުދިން ހައްގުތައް ރައްކާތެރިކުރުމަށް ދައުލަތުން ކުރާ ހޭދަ މިހާރަށް ވުރެ އިތުރު ކުރުމަށްވެސް ގޮވާލާފައިވެއެވެ.

ހައިތަމް ހުށަހެޅުއްވި ގަރާރުގައި ކުޑަކުދިންނަށް ހާނިއްކަކޮށް އެކުދިންނަށް ޖިންސީ ގޮތުން އަނިޔާކޮށް އަދި އެކުދިންނާއި މެދު ތަފާތުކޮށް ކަންކަން ކުރުމާއި އެކުދިން ލައްވާ އިގްތިސޯދީ އަދި އިޖްތިމާއީ ކަންކަމުގައި ބައިވެރިކޮށް ފައިދާ ނެގުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ޖެނުއަރީ މަހުން އެ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖެންޑާ މިނިސްޓްރީ އަށް 2177 މައްސަލަ ހުށަހެޅުނުއިރު 1097 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅޭ މައްސަލަތަކެވެ. ގަރާރުގައި ބުނެފައި ވަނީ އެ މައްސަލަތަކުގެ ތެރެއިން 314 މައްސަލައަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކަ ނުވަތަ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށެވެ.

ގަރާރުގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ކުޑަކުދިންގެ ރައްކާތެރިކަން ގާއިމްކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާގެ ފަންނީ މާހިރުން އިތުރުކުރުމަށް ވަނީ ހުށަހަޅައިފައެވެ.