Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ވޮޑެމުލާ ކިޔާ ރަށެއް ނުދަންނަން، އަދީބަށް ގުޅީ ކެމްޕެއިނަށް ލިބުނު ފަސް މިލިއަން ޑޮލަރު ހޯދަން

ރައީސް ޔާމީން -- ފޮޓޯ / އަވަސް

ގއ. ވޮޑެމުލާ ކިޔާ ރަށެއް ނުދަންނަ ކަމަށާއި އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ގުޅީ އެއްވެސް ހާލަތެއްގައި ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހޯދަން ނޫން ކަމަށާއި އޭނާ އަށް ގުޅީ ކެމްޕެއިނަށް ލިބުނު ފަސް މިލިއަން ޑޮލަރު ހޯދަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ހުރީ އަދީބުގެ އަތްޕުޅުގައި ކަމަށެވެ. އެ ފައިސާ އާއި ހަވާލުވާން ދިޔައީ އަދީބާއި އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ވެސް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ. މީގެކުރިންވެސް އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތް ކުރުމަށް އެމަނިކުފާނަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ފައިސާ އަކީ ކޮންތަނަކުން ލިބިވަޑައިގެންނެވި ފައިސާއެއް ކަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ފަހަރެއްގައިވެސް އަދީބާއި ގުޅީ ވޮޑަމުލާގެ ފައިސާ ހޯދާކަން ނޫން ކަމަށެވެ. ވޮޑަމުލާ އަކީ އޮންނަ ރަށެއްކަންވެސް އެނގުނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ތެރެއިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ ރަށަކީ ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ރަށެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެ ރަށް ދޫކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އަދީބު އުޅުއްވީ އޭނާގެ ގާތް ދެ އެކުވެރި އަކަށް އެ ރަށް ހޯދައި ދިނުމަށް ކަމަށެވެ. އެ މަސައްކަތް އަދީބު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެއް މިލިއަން ޑޮލަރެއް ވެސް ނޫން އަޅުގަނޑުގެ އަދީބުގެ އަތުގައި ހުންނާނީ، ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު އަޅުގަނޑަށް ލިބުނު، އެއާ ހަވާލުވާން ދިޔާއީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި އަދީބު، އެހެންވެ އެ ފައިސާ އަޅުގަނޑު ބޭނުންވީ، ދައުލަތުގެ ފައިސާ ދޭކަށް އަޅުގަނޑު ނުބުނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެންފައެވެ. ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގަންނަވަނީ ވަކީލުންނާއި ފޯނުން ވާހަކަ ދެއްކުމަށް 10 މިނެޓު ކަމަށެވެ. އަދި އެމަނިކުފާނުވެސް ރަނގަޅު ދިފާއުއެއް ތައްޔާރު ކުރަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.