Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މެލޭ ކުންފުންޏާއެކު ހެދި އެއްބަސްވުން ދަމަހައްޓަން އެޗްޑީސީން ނިންމައިފި

ހުޅުމާލޭގައި އަޅަން ފެށި 25 ބުރީގެ އިމާރާތުގެ ކުރެހުމެއް-

ހުޅުމާލޭގައި ރައީސް ޔާމީންގެ ސަރުކާރުގައި އަޅަން އެއްބަސްވި 25 ބުރީގެ އިމާރާތުގެ އެއްބަސްވުން މިސަރުކާރުން ހުއްޓާލާފައިވަނިކޮށް، ކޯޓު އަމުރަކާއެކު 22 މިލިއަން ޑޮލަރު ދައްކަން އެންގުމުން އެޗްޑީސީން އެއްބަސްވުން ދަމަހައްޓަން ނިންމައިފިއެވެ.

މެލޭޝިޔާގެ ޑަބްލިއު ޒީ އާރު ކުންފުންޏާއެކު ޔާމީންގެ ވެރިކަމުގައި އެއްބަސްވީ 25 ބުރީގެ އިމާރާތެއް 155 މިލިއަން ޑޮލަރުގެ އަގަކަށް އިމާރާތް ކުރުމަށެވެ. އެމަސައްކަތުގެ ޕައިލިންގެ 60 އިންސައްތަ ނިމި، މުޅި ޕްރޮޖެކްޓުގެ 20 އިންސައްތަ ނިމުމާ ގުޅިގެން މެލޭޝިޔާ ކުންފުނިން ވަނީ އެއްބަސްވުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެޗްޑީސީ އަށް އިންވޮއިސް ފޮނުވާފައެވެ.

ނަމަވެސް މިސަރުކާރުން ފައިސާ ނުދީ އެއްބަސްވުމާ ޚިލާފަށް ޕްރޮޖެކްޓް ހުއްޓާލުމުން އެ ކުންފުނިން ވަނީ އޭޝިއަން އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް މައްސަލަ ހުށައަޅައި އެޗްޑީސީން 30 މިލިއަން ޑޮލަރު ނަގާ ދިނުމަށް އެދިފައެވެ.

މައްސަލަ ބަލައި ކޯޓުން ނިންމީ އެޗްޑީސީން 22 މިލިއަން ޑޮލަރު ޑަބްލިއު އާރު ޒީ އަށް ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ހުކުމް ކުރި ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭ ދައްކާ ޚަލާސް ކުރުމަށެވެ. ހުކުމް ކުރީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށް ވާތީ އަންނަ އާދީއްތައިގެ ކުރިން އެފައިސާ ދައްކަން ޖެހޭނެއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީ ސަރުކާރުން މިއެއްބަސްވުން ގާއިމްކުރީ ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވަނީސް ކަމަށެވެ. އޭރު ޖުމުލަ އަގު 122.7 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް ފަހުން، ހުޅުމާލެ ފޭސް ދޭކަށް ޕްރޮޖެކްޓު ބަދަލުކުރުމުން 155 މިލިއަން ޑޮލަރަށް އަގު މަތިވިކަން ވެސް ބަޔާނުގައި ފާހަގަކުރިއެވެ.

އެޗްޑީސީން ބުނާ ގޮތުގައި މެލޭޝިޔާ ކުންފުންޏަށް ދައްކަން ޖެހެ ފައިސާ ނުދެއްކީ ކޮންޓްރެކްޓަރުން ފޮނުވި އިންވޮއިސްގައި ހުރި އަގު(30 މިލިއަން ޑޮލަރު) އަކީ ކޮށްފައިވާ މަސައްކަތާ ނުބައްދަލު އަގަކަށް ވާތީއެވެ.

ނަމަވެސް އެފަރާތާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފިނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުން އެޗްޑީސީ އަށް ލިބިގެން ދާނެތީ، މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް މިބަޔާނުގައި ބުނެފައިވެއެވެ. މި ޕްރޮޖެކްޓަށް ދައްކަން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އާއެކު ކުރެވެމުންދާ ކަން ކޮންޓްރެކްޓަރަށް އަންގާފައިވާނެ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.