Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އަލީ ވަހީދު ޖޭޕީގެ ރައީސް ކަމުން ވަކިކުރަން ހުށަހަޅައިފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވި އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ (ޖޭޕީ)ގެ ރައީސް ކަމުން ވަކި ކުރެއްވުމަށް ހުށަހަޅައިފިއެވެ.

އަލީ ވަހީދު ވަކި ކުރެއްވުމަށް ޕާޓީގެ ކައުންސިލަށް ހުށަހަޅާފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ. ނަމަވެސް އަދި އޭނާ އެމަގާމުން ވަކި ކުރައްވާފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.

އަލީ ވަހީދާ ގުޅިގެން ހުށަހަޅާފައިވަނީ ކޮން ޝަކުވާއެއް ކަމެއް ހޫދު ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަލީ ވަހީދަށް ކުރަނީ ޖިންސީ ފުރައްސައިގެ މައްސަލަތަކެކެވެ. އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.

ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓަރީ ވަގުތީގޮތުން ހިންގުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.