Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ހަސަން އިސްމާއީލް ޖިންސީ ގޯނާކުރި ކަމަށްބުނާ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން: ފުލުހުން

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއީލް އަށް މަގާމުގެ ލިޔުން ރައީސް ސޯލިހު ހަވާލު ކުރައްވަނީ --

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއީލް ނޫސްވެރިޔަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ އެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހަސަން އިސްމާއީލްގެ މައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއީލް އަށް މި ތުހުމަތުތައް ކުރަނީ "މިހާރު" ނޫހުގެ އިނގިރޭސި ވާޝަން "ދި އެޑިޝަން" ގައި މަސައްކަތް ކުރާ ނޫސްވެރިއެއްކަމަށްވާ ރާއީ މުނައްވަރެވެ. ރާއީ ވަނީ އެ މައްސަލަ ފުލުހުންގެ އިތުރުން ރައީސް އޮފީހާއި އޭސީސީގެ ސަމާލު ކަމަށްވެސް ގެނެސްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުމުން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރޭ އަންގަވާފައެވެ. ނަމަވެސް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ އޭނާ މަގާމުން ވަކި ކުރައްވާފައެވެ.