Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

ފަސް މިލިއަން ޑޮލަރު ނުދެއްކި މައްސަލާގައި ރައީސް ޔާމީން ގޮވައިގެން ކޯޓަށް ދަނީ

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމްގައި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ދެއްކުމަށް އަންގާފައިވީ ނަމަވެސް އެފައިސާ ރައީސް ޔާމީން ނުދެއްކުމުން ރައީސް ޔާމީނާއި ދެކޮޅަށް ދައުވާ ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ތައްޔާރުވެއްޖެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ރައީސް ޔާމީންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމާފައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑާ ކުރުމުގެ ދައުވާ ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ.

އެ ދުވަހު ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރިއިރު ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެ ހުކުމްގައި ވަނީ ހަމަސް ދުވަހުގެ ތެރޭގައި ދައުލަތަށް ފައިސާ ދެއްކުމަށް އަންގާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން އެ މައްސަލަ ހުށަހަޅަން ނިންމާފައިވާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ [ކްރިމިނަލް ކޯޓުން ކުރި ހުކުމް] ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.