Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

މީޑިއާތައް ޖޫރިމަނާ ކުރުމަށް ގަވާއިދެއް ހެދުމަށް މަޖިލީހުން އެމްއެމްސީ އަށް އަންގައިފި

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމެއް - ފޮޓޯ: މަޖިލިސް

މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މައްޗަށް އަންގައިފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކޮށް ސޮއިކުރައްވާ މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދާދިފަހުން ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު ފަރާތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުނެ ތަފާތު އެކި ގޮތް ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ގެންގޮސްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާހަގަކުރާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާ ނަމަ، އެކަން ބަލައި ދެއްވުމަށް އެ ކޮމިޓީން އެދިވަޑައިގަންނަވާ ކަމަށް ،މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީގައި ބުންޏެވެ.

އާމީންއާންމުގެ ސިޓީގައި ބުނެފައި ވަނީ ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުތަކުގެ ތެރޭގައި، އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީޑިއާތައް ޖޫރިމަނާ ކުރުމަށް އެމްއެމްސީ އަށް މަޖިލީހުން އަންގާފައިވާއިރު ދައުލަތުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އެއާއިއެކުގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި އިސްވެރިންނާއި ގުޅޭ އެފަދަ މައްސަލަތައް ސޯޝަލް މީޑިއާގައި އަންނަނީ ތިލަ ކުރަމުންނެވެ. އަދި އަލީ ވަހީދު އެކަނި މަގާމުން ވަކި ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަންނަނީ ސަރުކާރަށްވެސް އަމާޒުވަމުންނެވެ.