Last Updated: March 28, 13:31
Thursday, March 28, 2024
ޚަބަރު

ލޮކްޑައުން އަށް ދިން ލުއިތަކުގެ ނަތީޖާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އިއުލާނު ކުރެވުނު ލޮކްޑައުންގެ ހާލަތަށް ދިން ލުއިތަކާއި ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރެއްވުމަށް ނިންމަވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ކޮވިޑް19 ގެ ހާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ސިލްސިލާ ގޮތަކަށް ބާއްވަވަމުން ގެންދަވާ ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި އާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރެއްވިއެވެ. އަދި، ސިއްހީ ދާއިރާއިން އެކަމަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން އެ ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭ ގޮތުންވެސް އެ ބައްދަލުވުމުގެ ބައިވެރީންނާއި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައީސްއޮފީހުގެ ބައެއް އިސް ވެރިންނާއި، ސިއްހީ ދާއިރާގެ މާހިރުން އަދި ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިސް ވެރިންނާއި، ފުލުހުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.