2-0 އިން އަލަވޭސްގެ މައްޗަށް ކުރި ހޯދައި، ސްޕެނިޝް ލީގު ހޯދުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.
ރޭގެ މޮޅާއެކު ރެއާލް މިހާރު ލީގުގެ އެއްވަނައިގައި އޮތީ 80 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 76 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު ލީގުގައި ބާކީ ދެން ކޮންމެ ޓީމަކަށް ވެސް އޮތީ ތިން މެޗެވެ. އެގޮތުން ލީގު ހޯދުމަށް ރެއާލް އަށް މިހާރު ބޭނުންވަނީ އެންމެ ދެ މޮޅެވެ.
ނަމަވެސް ލީގުގައި މިރޭ ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅޭ މެޗުން ބާސާ ބަލިވެއްޖެނަމަ، ދެން ކުޅޭ މެޗަކުން ރެއާލް މޮޅުވެއްޖެނަމަ އެޓީމަށް ލީގު ލިބޭނެއެވެ.
އަލަވޭސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ރެއާލް އަށް ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މިއީ ލީގުގައި ބެންޒެމާ ކާމިޔާބުކުރި 18 ވަނަ ގޯލެވެ. ރެއާލްގެ ދެވަނަ ގޯލު މި މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯ އެވެ.
ލީގުގައި ބާކީ އޮތީ ތިން މެޗު ކަމަށްވާއިރު 2012 ވަނަ އަހަރަށްފަހު ރެއާލް އަށް ލީގު ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ.