Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ސަފު ހަދާއިރު ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަވާނެ: މައުމޫން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އެކަށީގެންވާ ސަބަބަކަށްޓަކައި ޖަމާއަތުގައި ނަމާދުކުރުމަށް ސަފު ހަދާއިރު ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ ތިން މަހަށްފަހު ފުރަތަމަ ފަހަރަށް އިއްޔެ މާލެ ސަރަހައްދުގައި ހުކުރު ނަމާދުކުރިއިރު، ގައިދުރުކަމަށް އިސްކަންދީފައި ނުވާތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމަށްވީ ނަމަވެސް އެކަށީގެންވާ ސަބަބަކަށްޓަކާ ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަވާނެ ކަމަށެވެ.

"މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް. ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުގައި ވެސް މިދުވަސްކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައިދުރުކުރުމުގެ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން" މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ އިތުރުން ރާއްޖޭގެ ބައެއް އިލްމުވެރިން ވެސް ވަނީ މި ހާލަތުގައި ގައިދުރުކޮށް ތިބެ ނަމާދު ކުރުން ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ބޮޑު ލުޔެއް ދީފައިވާއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 64 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މީގެތެރެއިން 44 މީހުންނަކީ ދިވެހިންނެވެ.