ސްރީ ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ހަދާފައިވާ މަގުތަކުން ދުއްވާލާ އިރު މިހާރު ހީވަނީ ޔޫރަޕް ގައުމެއްގެ ސިޓީއެއްގައި ދުއްވާލެވޭހެން ކަމަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވެއްޖެ އެވެ.
ހިތަދޫ ބަނދަރު މަތީގައި އޮތް "ނެތޭ ވެވޭކަށް ބާއީއަކަށް" ޖަލްސާގައި ވާހަކަ ދައްކަމުން ޓޮމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އައްޑޫގެ ތަރައްގީ އަށް ގިނަގުނަ ކަންތައްތަކެއް ފަހިކޮށް ދެއްވާފައިވާ ކަމަށެވެ.
އެގޮތުން މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު މަގު ތާރު އަޅައިގެން ހެދިގެން ދިޔައީ ވެސް ނަޝީދުގެ ސަރުކާރުން ކުރެއްވި މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޮމް އަދި ވިދާޅުވީ އައްޑޫގައި އެގްރިވިޔަފާރި އާއި މެރިކަލްޗަ ފަދަ ސިނާއަތްތައް ތަރައްގީކޮށް ހިންގަން ބޭރުގެ އިންވެސްޓަރުން ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅު ކުރި ކަމަށެވެ.
އެހެން ނަމަވެސް ފެބްރުއަރީ 7، 2012 ގައި "ބަޢާވާތަކުން" ވެރިކަން ވައްޓާލުމުން އައްޑޫގެ ތަރައްގީ އަށް ހުރި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ޓޮމް ވިދާޅުވި އެވެ.
އެހެން ނަމަވެސް މި އަހަރު ބާއްވާ އިންތިހާބް ނަޝީދު އެއްބުރުން ކާމިޔާބް ކުރައްވައި އައްޑޫ އިތުރަށް ތަރައްގީކޮށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައްޑޫން ނަޝީދަށް 80 ޕަސެންޓް ލިބޭނެ ކަމަށް ޓޮމް ވިދާޅުވި އެެވެ.