Last Updated: July 23, 11:47
Thursday, July 23, 2026
ކުޅިވަރު

ލިވަޕޫލް އެއްވަރުވިއިރު، ޗެލްސީ ބަލިވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެގެން ނިމުނުއިރު، ޗެލްސީ ބަލިވެއްޖެއެވެ.

ރޭގެ ނަތީޖާތަކާއެކު ލީގު ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލް އިން މިހާރު ވަނީ 93 ޕޮއިންޓު ހޯދާފައެވެ. ޗެލްސީ އޮތީ 60 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.

ލިވަޕޫލް ރޭ އެއްވަރުވީ ބާންލީއާ ބައްދަލުކުރި މެޗުން 1-1 އިންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 34 ވަނަ މިނެޓްގައި އެންޑީ ރޮބަޓްސަން ވަނީ ލިވަޕޫލަށް މެޗުގެ ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް އެޓީމަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. ނަމަވެސް ލިވަޕޫލް އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބާންލީގެ ކީޕަރު ޕޯޕްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ބާންލީއަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދިން ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭ ރޮޑްރިގޭޒްއެވެ. މިއީ އަމިއްލަ ދަނޑުގައި ކުޅެ ލީގުގައި ލިވަޕޫލަށް މޮޅު ނުވެވި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ޗެލްސީ ރޭ ބަލިވީ ޝެފީލްޑް ޔުނައިޓެޑާއި ބައްދަލުކޮށް 3-0 އިންނެވެ.

ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓްގައި މެކްގޮލްޑްރިކް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މެކްބާނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، ޝެފީލްޑްގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން މެކްބާނީއެވެ.

ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ.