Last Updated: July 23, 11:47
Thursday, July 23, 2026
ކުޅިވަރު

ފަހު ވަގުތު ޓޮޓެންހަމް އިން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އިން އާސެނަލްގެ މައްޗަށް 2-1 އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޓޮޓެންހަމް މިހާރު އޮތީ 52 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައެވެ. އާސެނަލް އޮތީ 50 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 16 ވަނަ މިނެޓްގައި ލަކަޒެޓް ވަނީ ހިތްގައިމު ގޯލަކާއެކު އާސެނަލް އަށް ލީޑު ނަގާދީފައެވެ. ލަކަޒެޓް މި ގޯލު ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އާސެނަލް އިން ލީޑު ނެގިތާ ތިން މިނެޓްފަހުން ސޮން ވަނީ ޓޮޓެންހަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ސޮން މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި އާސެނަލްގެ ކެޕްޓަން އޮބަމަޔަންގް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޓޮޓެންހަމްގެ ގޯލަށް ފޮނުވާލާފައެވެ.

އެގޮތުން އެއް ހަމަލާ ޓޮޓެންހަމްގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، އަނެއް ހަމަލާ ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އެވެ.

ދެވަނަ ހާފްގައި އާސެނަލް އިން ރަނގަޅު ކުޅުނު ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ޓޯބީ އަލްޑަވައިރަލްޑް ވަނީ ޓޮޓެންހަމް އަށް މެޗުގެ ލީޑު ނަގައިދީ އެޓީމަށް ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދީފައެވެ.

މިއީ ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ޓޮޓެންހަމް އިން އާސެނަލް އަތުން ބަލިނުވެ ނިންމާލި ހަވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އެ ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ޓޮޓެންހަމް މޮޅުވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.