Last Updated: May 9, 02:20
Wednesday, May 8, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 16، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"ސަލީމް އަހަރެންނަށް އެ ވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެބާ؟ އަހަރެންގެ މުދަލުން އަހަރެންގެ ދަރިންނާ ތަފާތު ނުކޮށް އޭނާ ބޭނުން ގޮތަކަަށް ދިނިން. އެކަމަކު މިފަދަ ގެއްލުމެއް މަށަށް މި ދިނީ ކީއްވެބާ؟" ޔޫނުސް ރޮމުން ވާހަކަ ދެއްކި އެވެ.

ވަހީދާ ޔޫނުސް ހިތްހަމަޖައްސައި ދޭން މަސައްކަތް ކުރަމުން ދިޔަ އެވެ. އެހެނަސް ޔޫނުސް ގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔަ އެވެ. އެންމެ ފަހުން އޭނާގެ ހާލު ބޮޑުވެގެން ޑޮކްޓަރު އަލުން ނިދާ އިންޖެކްޝަން ޖަހައި އޭނަ ނިންދެވި އެވެ.

ސަލީމް ލަންކާ އަށް ނީލާ ގޮވައިގެން އައިސް އޭނާ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރަން ޕާޓީއެއް ބޭއްވި އެވެ. މި ވެގެން އުޅޭ އެއްވެސް އެއްޗެއް ނީލާ އަކަށް ނޭނގެ އެވެ. ސަލީމް ބޮޑު ހަވޭލިއެއް ކަހަލަ ގެއެއް ލަންކާއިން ގަތް ކަން އެނގުމުން އޭނާ ހައިރާންވި އެވެ.

"ސަލީމް މިހާ އަގު ބޮޑު ގެއެއް މި ގަތީ ކީއްވެ؟"

"މަގޭ ރާނީ މި ގެ ވެސް ހުރެދާނެނު އަހަރެމެން މިހެން ޗުއްޓީ ހޭދަކޮށްލަން އަންނަ ފަހަރު އުޅެލަން." ސަލީމްގެ ޖަވާބަކީ އެއީ އެވެ.

"އެކަމަކު ބައްޕަގެ ހުއްދަ ނުހޯދާ ތި ކުރީ ވަރަށް ގޯސް ކަމެއް."

"އޮ ކަމޯން ނީލޫ…މިހާރި މިއީ މަގޭ ފައިސާ މަގޭ މުދާތައް ބައްޕަޔާ ބެހުމެއް ވާކަމެއް ނޫން. ނީލާ ހިތްހަމަ ނުޖެހުނަސް މާދަން ވާނެ ގޮތެއް ކާކަށް އެނގޭނީ. އަހަރެން އެހެންވެ ބުއްދި ބޭނުންކޮށްގެން ފައިސާ ޖަމާކޮށް އުޅޭނެ ތަން ޖެހޭނެނު ހޯދަން."

އިތުރަކަށް ނީލާ އެ ވާހަކައެއް ނުދައްކަ އެވެ. އެރޭގެ ހަފް ލާ ވެސް ސަލީމް ބޭއްވީ އެ ގޭގަ އެވެ. ނީލާ ބޭރަށް ވެސް ނުނިކުތެވެ.

މަންމަމެންނަށް ނުގުޅިގެން ދެރަވެފައި ކޮޓަރީގަ އިނެވެ. ކުއްލިއަކަށް ސަލީމް އަތުގައި ފޯނު އޮތް ހަނދާންވެގެން ނީލާ ކޮޓަރިން ބޭރަށް އަ އެވެ. އަދި ކޮރިޑޯ ހުރަސްކޮށް ސަލީމްމެން ވާހަކަ ދައްކަން ތިބިތާ ކަައިރިއަށް އަ އެވެ. އަދި ދޮރުގައި ޓަކި ޖަހަން އުޅެނިކޮށް ސަލީމް ދައްކަމުން ދިޔަ ވާހަކައިން ބޭރުގައި އަޑު އަހަން މަޑުކޮށްލި އެވެ.

"އަސްލަމް އަހަރެން ބޭނުންވީ މުދަލާއި ފައިސާ. އަހަރެން އެ މޮޔަ ޔޫނުސް އާ ގުޅުނީ އަހަރެންނަށް އެނގޭ އޭނައަކީ ހަމަނުޖެހޭ މީހެއްކަން. އަދި އަހަރެންގެ ބޭނުން ފުރިހަމައަށް ހިފޭނެކަން." ސަލީމް ގެ ކޮންމެ އަކުރެއް ތީރު ތަކެއްގެ ސިފައިގައި ނީލާގެ މެޔަށް ހެރެމުން ދިޔަ އެވެ.

"ކަލޭތީ ގަދަ މީހެއް އިނގޭ." އަސްލަމް ގެ އަޑު އަ އެވެ.

"މިއީ އަހަރެންގެ ވިސްނުމުގެ މޮޅުކަން. ފުރަތަމަ މޮޅު ވާހަކަތަކެއް ދައްކައިގެން އަހަރެން ޔޫނުސް ގެ ރުހުން ހޯދާ އިތުބާރު ހޯދިން. އަދި އަހަރެންނަށް އެނގުނު ނީލާއަކީ ސަލީމްގެ ބަލިފައިކަން. ދެން އަހަރެން ނީލާ އަށްް މަޅި ޖަހަން ފެށީ. އަދި އެވެސް ޔޫނުސް ކަހަލަ މޮޔައެއް. ފޮނުވާލި އެންމެ ތީރަކުން ހަފުސްވެއްޖެ. އަހަރެންގެ ލޯބީގަ އޭނާ ދީވާނާ ކުރުވިން. އަހަރެން ލޯބިވީ އޭނާގެ ޝުމާރެއް ނެތް މުދަލާ ފައިސާ ދެކެ. އޭނާ ދެކެ އެއް ދުވަހަކު ވެސް އަހަރެން ލޯތްބެއް ނުވަން. ޔޫނުސް އަދި ކައިވެނީގެ ފަހުން އަހަރެންނަށް މުދަލާ ފައިސާ ދޭން އުޅުނު. ކާކުތަ ބޮޑު ސިންގާ ހަޒާނާއެއް ލިބެން ހުއްޓާ ކުޑަ އެތިކޮޅެއް ބޭނުން ކުރާނީ؟ އަހަރެންގެ ވިސްނުމުގެ ބޭނުންކޮށްގެން އަހަރެން އެ ކަންތަކަށް އިންކާރު ކުރިން. ސަބަބަކަށް ވީ އެ މޮޔަ ޔޫނުސް އަހަރެންނަށް އޭނާގެ ދަރިއެއްގެ މަގާމު ދިނުން. އަދި ނުވަތަ ދަރިންނަށް ވުރެ ގާތް ކުރުން. އަހަރެންގެ ދަލުން ސަލާމަތްވެ ވިސްނުމުގެ ބޭނުން ކުރަމުން ދިޔައީ. އުނައިސް އަހަރެން ތަފާތު ގޮތްގޮތަށް މަޅި ޖަހައިގެން ޔޫނުސް ގެ ހިތުން އޭނާ އަށް ދީފައިވާ މަގާމު ކައްވާލާ އޭނާ ގެއިން ބޭރު އަރުވާލިން. ސަބަބަކީ އޭނައަކީ އަހަރެންގެ ކުރިމަގުގަ ހެރެމުން ދިޔަ ކައްޓަށްވާތީ،" ސަލީމް ފަހުރުވެރިކަމާ އެކު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަސްލަމް ފެކްޓަރިގަ އަހަރެންގެ އިރުޝާދުގެ ދަށުން ހަމަނުޖެހުން އުފެއްދި އަދި އުނައިސް އަހަރެމެންގެ ދަލުގަ ރަނގަޅަށް ޖެހުނު. ޔޫނުސް އުނައިސް ދެކެ ރުޅި އަރުވަން އަހަރެން މަސާލާ އަޅައިގެން ވާހަކަ ދެއްކުމުގެ ނަތިޖާއަކަށްވީ ޔޫނުސް އުނައިސްގެ ބިޒްނަސް އަށް އެހީނުވުން. އުނައިސް އަހަރެންނާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނޭ. އެކަމަކު އަހަރެން ނީލާގެ ބެނުން ކޮށްގެން މުޅި ގޭގެ މާހައުލު ކިލަނބު ކޮށްލިން. އަހަރެންގެ ތީރު އަމާޒުގެ ފައްގަނޑަށް ވަރަށް ކާމިޔާބާ އެކު ދިޔަ ވަރަށް ލޯބިން އުޅުނު ދެބެއިން އިންނާ އާއިލާ އަހަރެން ރޫޅާލިން. އައިޝާގެ ކައިވެނީގަ ވެސް އަހަރެން އުނައިސް އާ ބައްދަލު ކޮށްފަ ފަނި ވައްޓާލިން. އަދި އަހަރެންގެ ފަހު ހަރުފަތަކަށްވީ ފިރިހެން ދަރި ބީވެގެން ދިޔަ ހިތާމައިގަ ޔޫނުސް އިންދާ ޔޫނުސް ލައްވާ ސޮއި ކުރުވައިގެން ހުރިހާ މުދާ ހާސިލް ކުރުން. އެ ދުވަހު ވަރަށް ބިރުގަތް. އަހަރެން ހީކުރީ ޔޫނުސް އަހަރެންގެން ދިޔަ ހުރިހާ ލިޔެކިޔުންތަށް ކިޔާފަނެ ކަމަށް. އެކަމަކު އެ މޮޔަ މީހާ ނުވެސް ކިޔާ އަހަރެން ދިން ހުރިހާ އެއްޗެއްގަ ސޮއި ކުރި. މިއީ ކާމިޔާބުގެ ތަޅުދަނޑި އަހަރެންނަށް ލިބުނު ދުވަސް. އަހަރެން އެ ގޭގަވީ ފަސް ވަރަކަށް އަހަރުން މިއަދު އަހަރެން މި ވަނީ ބޮޑު މުއްްސަންޖަކަށްވެފަ."

ބޭރުގައި އަޑު އަހަން ހުރި ނީލާ ގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔަ އެވެ، އޭނަގެ އާއިލާ ބަރުބާދުވީ ސަބަބަކަށް އޭނާވީތީ މިއަދު އޭނާ ހިތާމަކުރަމުން ދިޔަޔަސް މިއީ ފޮހެވިދާނެ ސަފްހާއެއް ނޫނެވެ. ސަލީމްގެ މި އުޅުން އޭނައަށް ކުރިން ނޭގުނީ ކީއްވެބާ އެވެ؟ ނީލާ ބާރަށް ދުއްވައިގަތެވެ. ދިގު ހޯލުން ދުވަމުން ގޮސް އޭނާބޭ ރަށް ނިކުތެވެ.

ބަގީޗާ ތެރެއިން ވެސް އެކަނި ދުވަމުން ގޮސް މޫގަޑެއްގައި ލައިގަނެފައި އޭނާ ވެއްޓުނެވެ. ބިންމަތިން އޭނާ ތެދުވާކަށް ނޫޅެ އެވެ. އޭނައަށް ހީވީ އޭނާއަށް އޮވެވުނީ މަަންމަގެ އުނގުގައި ހެންނެވެ. ފެހި ކުލައިގެ މަޑު ކާޕެޓް ވިނަގަނޑު ވެސް މިއަދު އޭނާ އަށް ރަހުމު ކުރި ފަދަ އެވެ. ކަރުނައިގެ ކަނޑަކަށް އޭނާ އަރަގު ވަމުން ދިޔަ އެވެ. ގައިގަ އޮތްހާ ބާރަކަށް އަޑު ވީއްލާ އޭނާ ރޮމުން ޝަކުވާ ކުރި އެވެ.

"މަންމާ…މަންމަގެ ނީލާ އަށް މާފު ކުރޭ…ބައްޕާ ބައްޕަގެ ނީލާ އަށް މާފުކުރޭ. މިއީ އަހަރެންގެ ކުށް…ނީލާ ބަރުބާދު ވެއްޖެ. ނީލާ ބަރުބާދު ވެއްޖެ." ނީލާ ރޮމުން ބިންމަތީގައި އަތުން ތަޅަމުން ދިޔަ އެވެ.

ހިސްޓީރިޔާ ޖެހިފަވާ މީހެއް ފަދައިން އޭނާ ރޮމުން ދިޔަ އެވެ. އަދި އުޑުފައިން އިށީނދެ އޭނާގެ ބޮލުގައި ދެ އަތުން ހިފަހައްޓާލި އެވެ.

"އަހަރެން ކަލެއަށް ދުވަހަކު ވެސް މާފެއް ނުކުރާނަން…ދުވަހަކު ވެސް މާފެއް ނުކުރާނަން."

(ނުނިމޭ)