މެންޗެސްޓަރ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ ޗެމްޕިއަންސް ލީގުގެ ކުރިއަށް އޮތް ދެ ސީޒަނުގައި ވާދަނުކުރެވޭ ގޮތަށް ޔޫއެފާ އިން ދިން އަދަބު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން އުވާލައިފިއެވެ.
ޔޫއެފާ އިން މި އަދަބު ސިޓީއަށް ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި އަދަބު ދިނުމުގެ އިތުރުން ޔޫއެފާ އިން ވަނީ 30 މިލިއަން ޔޫރޯ އިން ސިޓީ ޖޫރިމަނާ ވެސް ކޮށްފައެވެ.
ޔޫއެފާ އިން މި އަދަބު ސިޓީ އަށް ދީފައިވަނީ ކްލަބްގެ އަސްލު ހިސާބުތައް ފޮރުވުމުގެ ގޮތުން ނުބައްދަލު އަގުތަކެއްގައި ސްޕޮންސަރުންނާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށް، ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ހަރަދުކުރިކަން ފަޅާ އެރުމުންނެވެ. އެފްއެފްޕީގެ ގަވާއިދުތަކަށް ފެއްތުމުގެ ގޮތުން އެ ހަރަދުތަކުގެ ތަފްސީލެއް ސިޓީގެ އެއްވެސް ރަސްމީ އެކައުންޓްތަކެއްގައި ހިމަނާފައެއް ނުވެއެވެ.
މި އަދަބު ސިޓީން ސީއޭއެސްގައި އެޕީލް ކުރުމުން އެ ކޯޓުން މިއަދު ވަނީ ޔޫއެފާ އިން އެ ކްލަބަށް ދިން އަދަބު އުވާލައި ޖޫރިމަނާގެ އަދަދު 10 މިލިއަން ޔޫރޯ އަށް ކުޑަކުރުމަށް ނިންމާފައެވެ.
މި ނިންމުމާއެކު ސިޓީން ވަނީ މި މައްސަލަ ނިންމުމުގައި ބައިވެރިވި ޕެނަލްގައި ތިބި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ސިޓީ އަށް ދީފައިވާ އަދަބު ސީއޭއެސް އިން އުވާލުމުން، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ވެސް އެޓީމަށް ލިބޭނެއެވެ. އެޓީމު މިވަގުތު އޮތީ 72 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.