ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރެވޭ އޯޕަން އެއާ ޖިމްއަށް ބޭނުންވާ ފިޓްނެސް އިކުއިޕްމެންޓް އިންޑިއާ އިން ހަދިޔާކޮށްފިއެވެ.
މި މަޝްރޫއަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 8 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން ހިންގާ މަޝްރޫއުއެކެވެ.
އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން ސިޓީ އަދި ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުން މިފަދަ 18 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގެމުންނެވެ.
މީގެ ތެރޭގައި ރަސްދޫގައި ހިންގޭ ރަށްގިރުން ހުއްޓުވުމުގެ މަސައްކަތާއި، ކޮޅުފުށީގައި މަގުމަތީ ލައިޓް ހަރުކުރުމާއި، ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގް އެކެޑެމީ އަޕްގްރޭޑް ކުރުމާއި، ޅޮހި އަދި ކިނޮޅަހު ސްކޫލްގައި ކްލާސްރޫމް އިމާރާތްކުރުމާއި، ދަރަވަންދޫގައި އިމަޖެންސީ ސިއްހީ ހިދުމަތްތަށް ގާއިމްކުރުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް އުޅަނދު ފޯރުކޮށްދިނުމާއި، ފޯއްމުލަށް އަދި ކުޅުދުއްފުށީގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އިކުއިޕްމެންޓް ފޯރުކޮށްދިނުމާއި، ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްގީކުރުމާއި، އެރައިވަލް ޖެޓީ މަރާމާތުކުރުމާއި، 67 ރަށަކަށް ޗިލްޑްރެންސް ޕާކް އިކުއިޕްމެންޓް ފޯރުކޮށްދިނުމާއި، ގދ. ފަރެސްމާތޮޑާގެ ވެޓްލޭންޑް ޕާކް އޭރިއާ ތަރައްގީކުރުން ހިމެނެއެވެ.
މީގެ އިތުރުން، އިންޑިއާގެ ގްރާންޓް ސްކީމްގެ ދަށުން ފުރިހަމަ ކުރެވުނު ފެހެންދޫ-ގޮއިދޫ ސްޓޫޑެންޓް ފެރީގެ މަޝްރޫއު ނިމި ފެރީ ހަވާލު ކުރުމުގެ ރަސްމިއްޔާތު 8 ޖުލައި 2020 ގައި ވަނީ ބޭއްވިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފުރިހަމަ ކުރެވި ހަވާލު ކުރެވޭނޭ މަޝްރޫއު ތަކުގެ ތެރޭގައި ރަސްދޫގެ ކޯސްޓަލް ޕްރޮޓެކްޝަން މަޝްރޫއާއި، ވާނީގައި ގާއިމްކުރެވޭ ޕޮލިސް ޓްރެއިނިންގް އެކެޑެމީއާއި، ކޮޅުފުށީގައި ހިންގޭ މަގުމަތީ ލައިޓް ހަރުކުރުމުގެ މަޝްރޫއާއި، މާލެ ސިޓީ ކައުންސިލްއާއި ވެހިކަލް އަދި މެޝިނަރީ ހަވާލުކުރުން ހިމެނެއެވެ.
61 ރަށެއްގައި މި ގާއިމް ކުރެވޭ އޯޕަން-އެއާ ޖިމްގެ ސަބަބުން އެ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުވެގެންދާނެ ކަމަށާއި އެހެންކަމުން މިފަދަ މަޝްރޫއުއެއް ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި، މިނިސްޓްރީ އޮފް ފޮރީން އެފެއާޒް އަދި ރަށު ކައުންސިލް ތަކާއި އެކުގައި ބައިވެރި ވުމަކީ އިންޑިއާއިން ފަހުރުވެރިވާ ކަމެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ.