ޕްރައިމެރީ ގްރޭޑްތަކަށް ކިޔަވައި ދެމުން އަންނަ އަދި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ހިތަދޫ ނޫރާނީ ސްކޫލްގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
އަށް ކްލާސް ރޫމް ހިމެނޭ ގޮތަށް އަލަށް އިމާރާތްކުރާ ނޫރާނީ ސްކޫލްގެ އާ އިމާރާތުގެ ބިންގާ މިއަދު ހެނދުނު އަޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު އެވެ.
މި ސްކޫލްގައި އަލަށް އަޅާ އަށް ކްލާސް ރޫމް އިމާރާތް ކުރުމަށް މިހާތަނަށް ބަޖެޓް ލިބިފައި ވަނީ ދެ މިލިޔަން ރުފިޔާ އެވެ.
ނަމަވެސް މުޅި އިމާރާތަށް 3.8 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަދި ބާކީ ފައިސާ ހަމަޖެހޭނެ ކަމަށާއި އެ ފައިސާ އޯޕީޕީގެ ތެރެއިން ހަމަޖެހިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނޫރާނީ ސްކޫލް ޑިޒައިން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލާ އެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ ދިރާސީ އަހަރުގެ މެދު ތެރެއިން ނޫރާނީ ސްކޫލްގެ އާ އިމާރާތް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.
މިދިޔަ މެއި މަހުން ފެށިގެން ސަރުކާރު ސްކޫލެއްގެ ގޮތުގައި ހިންގަމުން އަންނަ ހިތަދޫ ނޫރާނީ ސްކޫލްގައި މި ވަގުތު 150 ދަރިވަރުން ކިޔަވާ އިރު އެތަނުގައި ހުރީ ފަސް ކުލާސް ރޫމެވެ. ދަރިވަރުންނެވެ.
އެ ސްކޫލްގައި ކިޔަވައި ދެނީ ގްރޭޑް 1-7 އަށެވެ.
ނޫރާނީ ސްކޫލްގް ޕްރިންސިޕަލް މުހައްމަދު ސޯލިހް ވިދާޅުވީ އާ އިމާރާތް ނިމުމުން އެ ސްކޫލްގައި އަންނަ އަހަރު އެއް ދަންފަޅި އަށް ކިޔައި ދެވޭނެ ކަމަށެވެ.
އަދި ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށިގެން ދިއުމަކީ ހަ އަހަރު ވަންދެން ކުރަމުން ދިޔަ އިންތިޒާރެއްގެ ނިމުން ކަމަށާއި މިއަދަކީ ވަަރަށް އުފާވެރި ދުވަހެއް ކަމަށް ސޯލިހް ވިދާޅުވި އެވެ.