ގްރެނާޑާގެ މައްޗަށް 2-1 އިން ކުރި ހޯދާ ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް މިހާރު އޮތީ 83 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 79 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު ލީގުގައި ބާކީ ދެން ކޮންމެ ޓީމަކަށް ވެސް އޮތީ ދެ މެޗެވެ. އެހެންކަމުން ކުރިއަށް އޮތް މެޗުން ރެއާލް މޮޅުވެއްޖެނަމަ އެޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.
ގްރެނާޑާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ޒުވާން ޑިފެންޑަރު މެންޑީ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 16 ވަނަ މިނެޓްގައި ކަރީމް ބެންޒެމާގެ ގޯލާއެކު ރެއާލް އިން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ގްރެނާޑާ އިން ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު، މެޗުގެ 50 ވަނަ މިނެޓްގައި ޑާވިން މަޗީސް ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ ފަހު މިނެޓްގައި ރަމޯން އަޒީޒް ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، ގޯލުގެ ހުރަސް ރޮގުމަތިން އެ ހަމަލާ ދިފާއުކުރީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.
ލީގު ހޯދުމާ ގާތަށް ރެއާލް އިން ޖެހިލާފައިވާއިރު، މިއީ 2016 ވަނަ އަހަރަށްފަހު އެޓީމުން ހޯދާ ފުރަތަމަ ލީގު ތަށްޓެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ވިޔަރެއާލްއާއެވެ.