Last Updated: July 23, 11:47
Thursday, July 23, 2026
ކުޅިވަރު

ތިންވަނަ އަށް އަރަން ލިބުނު ފުރުސަތު ޔުނައިޓެޑުން ނަގާލައިފި

2-2 އިން ސައުތްހެމްޓަންއާ އެއްވަރުވެ، ޕްރިމިއާ ލީގުގެ ތިންވަނަ އަށް އަރަން ލިބުނު ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑުން ނަގާލައިފިއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ 59 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ލީގުގެ ހަތަރުވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ނަމަވެސް ޔުނައިޓެޑަށް ވުރެ ގޯލުގެ ތަފާތުން ކުރީގައި އޮތީ ލެސްޓަ ސިޓީއެވެ. އަދި ތިންވަނައިގައި 60 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ.

ލީގުގައި ބާކީ ތިން މެޗު އޮތްއިރު ގަދަ ހަތަރެއްގެ ރޭހުގެ ފޯރި މިހާރު ވަނީ އިތުރަށް ގަދަވެގެން ގޮސްފައެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ ޓީމުތަކަށެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި އާމްސްޓްރޯންގް ވަނީ ސައުތްހެމްޓަން އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނެޓް ފަހުން އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

މެޗުގެ ދެވަނަ ހާފްގައި ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ޔުނައިޓެޑަށް ފުރުސަތުތަކެއް ލިބުނުއިރު، ސައުތްހެމްޓަން އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭގައެވެ. އެގޮތުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮބަފެމީ އެވެ.

ލީގުގައި ޔުނައިޓެޑުން އަންނަ ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ.