Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އަދީބު މިނިވަންވުމުން ފުލުހުން ކަނޑުމަތީގައި ފޯރިމަރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އުފުލި ދައުވާތައް ގާނޫނާއި ޚިލާފުކަމަށް ކަނޑައަޅައި އިއްޔެ މިނިވަންކުރުމުން، ރޭ މާލޭގެ ކަނޑުމަތީގައި ފުލުހުން ފޯރިމަރަން އޮޕަރޭޝަނެއް ހިންގި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުން މާލެއިން ނިކުމެވޭ ހުރިހާ ނެރެއް ކައިރީ ފޯރި މަރާފައިވަނީ ކުރީ ފަހަރެއްގައި ވެސް މިނިވަން ވުމުން އަދީބު ކަނޑުމަގުން ފިއްލަވަން މަސައްކަތް ކުރެއްވުމުންނެވެ. އަދީބު ފިއްލަވަން މަސައްކަތް ކުރީ ރާއްޖޭން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން އަށް ދިޔަ "ވާގޯ 9" ނަމަކަށްކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން އޮޅުވާލައިގެންނެވެ. ނަމަވެސް އިންޑިއާ އަށް އެތެރެވުމުގެ ކުރިން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ޓަގު ހިފަހައްޓާ، ރާއްޖެ އާ ހަވާލުކޮށްފަ އެވެ.

މިމައްސަލާގައި އަދީބަށް ދައުވާ ކުރިއިރު ފިއްލަވަން އެރި ޓަގުބޯޓުގެ ޗީފް އިންޖިނިއަރާއި ކެޕްޓަނަށް ވެސް ވަނީ 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ. ނަމަވެސް މިހާރު އެ ޖަލު ހުކުމް ވަނީ ތަންފީޒުވެ ނިމިފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލާގައި ދައުލަތާ އެއްކޮޅަށް ހެކިބަސް ދެއްވާފައެވެ. އަދީބު ވަނީ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި އެ ބިޔަ މަނީ ލޯންޑަރިން ސްކީމްގައި އަމިއްލަފުޅަށް ބައިވެރިވި ކަމަށް އިއުތިރާފުވެ ދައުވާ ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.

އަދީބު މިނިވަންކުރި މައްސަލަ ދައުލަތުން މިހާރު އިސްތިއުނާފް ކޮށްފައިވާއިރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ 800 އަހަރަށް އަދީބު ޖަލަށް ލެވޭ ވަރަށް ހެކި އެބަހުރި ކަން ހާމަކޮށްފައެވެ.