ޕްރިމިއާ ލީގުގައި ރޭ ނޯވިޗް ސިޓީ އަތުން 1-0 އިން ޗެލްސީން ކުރި ހޯދައިފިއެވެ.
މި މޮޅާއެކު 63 ޕޮއިންޓާ އެކު ޗެލްސީ މިހާރު އޮތީ ލީގުގެ ތިންވަނައިގައެވެ. ލީގުގައި ޗެލްސީ އަށް ބާކީ އޮތީ ދެ މެޗު ކަމަށްވާއިރު މި މޮޅާއެކު ލީގުގެ ގަދަ ހަތަރެއްގެ މަގާމު ކަށަވަރުކުރުމަށް އެޓީމުން ކުރަމުން އަންނަ މަސައްކަތަށް ވަނީ ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ ޓީމުތަކަށެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޕުލިސިޗް ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ. މި ގޯލަށްފަހު ދެވަނަ ހާފްގައި ވެސް ޖިރޫ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ލީގުން ރެލިގޭޓް ވެފައިވާ ނޯވިޗްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ޗެލްސީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ. އަދި އެއަށްފަހު ލީގުގެ ފަހު މެޗުގައި ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.
ލީގުގެ ގަދަ ހަތަރަކަށް ޗެލްސީއާއެކު އެންމެ ކައިރިން ވާދަކުރަމުން އަންނަނީ މެންޗެސްޓަރ ޔުނައިޓެޑާއި ލެސްޓަ ސިޓީއެވެ. އެގޮތުން މި ދެ ޓީމަށް ވެސް ލިބިފައިވަނީ 59 ޕޮއިންޓެވެ.