ސައުތު ޕޮލިސް ޑިވިޝަންގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން އައްޑޫގައި މަސައްކަތް ކުރާ ފުލުހުންގެ ޓީމެއް ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރި މި ޓީމްގައި ސައުުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު ޝިފާން އާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ޕޮލިސް ސްޓާފް ސަޖަންޓް ޙުސައިން މުޙައްމަދު ވެސް ހިމެނެ އެވެ.
އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުރި މި ޒިޔާރަތުގައި އައްޑޫން ފުވައްމުލަކަށް ޒިޔާރަތް ކުރި ފުލުހުންގެ ޓީމަކާއި ފުވައްމަލު ޕޮލިސް ސްޓޭޝަންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައިވާއިރު މި 10-3 ން ކާމިޔާބުކޮށްފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި ޓީމެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ޓީމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ވަނީ ޚާއްޞަ ޑިނަރ ނައިޓެއް ވެސް ބާއްވާފަ އެވެ.
މި ޑިނަ ނައިޓްގައި ޝިފާން ދެއްކެވި ވާހަކަފުޅުގައި ޝިފާން މިދަތުރު ސަބަބުން ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެކިއެކި މަސައްކަތްތަކަށް ވަކިން ހާއްސަކޮށް ބޮޑެތި އޮޕަރޭޝަންތަކުގައި ފުލުހުންގެ މެދުގައި އޮންނަ ގުޅުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ސައުތު ޕޮލިސް ޑިވިޝަންގައި ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.