Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އެއްވެ އުޅުން ހަނިކުރާ އިސްލާހު އުވާނުލާ އޮތުމުން މައުމޫން ކަންބޮޑުވުންފާޅުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: އައްޑޫ ލައިވް

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް މިނިވަންކަމާ އެކު އެއްވެ އުޅުމާ ބެހޭ ގާނޫނަށް ނިމިދިޔަ ސަރުކާރުން ގެނައި އިސްލާހު ދެމެހެއްޓުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ އިންތިގާލީ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ރޭ އެމްއާރްއެމް އިން ވަނީ އެޕާޓީގެ އެކްސްކޯގެ ބައްދަލުވުމެއް އޮންލައިންކޮށް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނައި އިސްލާހު އުވާލުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮންނަތާ އަހަރެއްވެފައި ވާތީ އެކްސްކޯގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި، ކުރިން ފުލުހުންގެ ހުއްދަ ހޯދައިގެން މާލޭގައި އެއްވެވޭ ގޮތަށް އޮތް ގާނޫނީ މާއްދާއަކީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނު އަސާސީއާ ހިލާފު މާއްދާއެކެވެ. މައުމޫން ވަނީ މަޖިލީހުން އެކަމާ އަޅާ ނުލަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް އަޑު އުފުލިއެވެ.