Last Updated: July 23, 11:47
Thursday, July 23, 2026
ކުޅިވަރު

ރެއާލް އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފި

2-1 އިން ވިޔަރެއާލް ބަލިކޮށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ލީގުގައި ބާކީ އަދި އެއް މެޗު އޮއްވާ ރެއާލް އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ 86 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި 79 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު 69 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 29 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ރެއާލް އަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ރެއާލް އިން ނިންމާލިއިރު މެޗުގެ 77 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބެންޒެމާ ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ލީގުގައި ބެންޒެމާ ކާމިޔާބުކުރި 21 ވަނަ ގޯލެވެ.

ވިޔަރެއާލްގެ ހަމައެކަނި ގޯލު ރޭގެ މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިބޯރާއެވެ.

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް އިން ހޯދިއިރު މިއީ އެ ކްލަބުގެ ތާރީހުގައި ހޯދި 34 ވަނަ ލީގު ތަށްޓެވެ. އަދި މިއީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކޯޗު ކަމުގައި އެޓީމުން ލީގު ހޯދި ދެވަނަ ފަހަރުވެސް މެއެވެ.

ލީގު ޗެމްޕިއަންކަން ރެއާލް އިން ހޯދާފައިވާއިރު، ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް ރެއާލް އަށް މި ސީޒަނުގައި އަދި އެބައޮތެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުން 2-1 އިން މެންޗެސްޓަރ ސިޓީ އަތުން ރެއާލް ބަލިވެފައިވާއިރު، އެ ނަތީޖާ އަނބުރާލަން އަންނަ މަހުގެ 7 ވަނަ ދުވަހު ރެއާލް އިން ސިޓީއާ ދެކޮޅަށް ނިކުންނާނެއެވެ.

ރެއާލް މޮޅުވިއިރު އެޓީމާއި އެންމެ ވާދަވެރި ބާސެލޯނާ ރޭ ވަނީ 2-1 އިން އޮސަސޫނާ އަތުން ބަލިވެފައެވެ.