އަންނަ އަހަރަށް އައްޑޫ ސިޓީން ކަނޑައަޅާ ބަޖެޓް ހުށަހަޅަން ޖެހޭ މުއްދަތު ފައިތުވެ އެތައް ދުވަހެއްވީ އިރު އަދިވެސް ބަޖެޓް ފާސް ނުކުރާ ކަމަށް އެނގިއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން 2014 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓް ފާސް ނުވެގެން އުޅެނީ ކައުންސިލްގެ ބައްދަލުވުންތަކުގެ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ.
އެގޮތުން ތިން ފަހަރެއްގެ މަތިން ބަޖެޓް ފާސް ކުރުމަށް ބައްދަލުވުން ޝެޑިއުލް ކުރުމަށްފަހު ކައުންސިލަރުން ހާޒިރު ނުވުމުގެ ސަބަބުން ވަނީ ބައްދަލުވުން ކެންސަލްކޮށްފަ އެވެ.
އެގޮތުން މިދިޔަ ބްރާސްފަތި ދުވަހު ބާއްވަން ނިންމި ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފައިވާ އިރު މިއަދު ހެނދުނު 10:30 ޝެޑިއުލް ކުރި ބައްދަލުވުމުގެ ގަނޑި ޖެހުނު އިރުވެސް ކައުންސިލަރުން ބައްދަލުވުމަށް ހާޒިރުވެފައި ނުވެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓް ފާސް ނުކުރެވި ވާ އިރު މި ޑިސެމްބަރު މަހު މިހާރުގެ ކައުންސިލްގެ މުއްދަތު ހަމަ ވާނެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބަޖެޓް ފާސް ނުކުރެވިވާއިރު ކައުންސިލުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓެއް ތައްޔާރު ކުރުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.