Last Updated: June 9, 13:15
Tuesday, June 9, 2026
ޚަބަރު

ފޭދޫ ސްކޫލަށް ހަތަރު ބުރީގެ އާ އިމާރާތެއް!

ފޭދޫ ސްކޫލްގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅަނީ. ފޮޓޯ/ އައްޑޫ ލައިވް

ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ސ. ފޭދޫ ސްކޫލަށް އަލަށް އިތުރު ކުރާ ހަތަރު ބުރީގެ އާ އިމާރާތުގް ބިންގާ މިއަދު އަޅައިފި އެވެ.

ބިންގާ އަޅަން މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދެވެ.

މި އިމާރާތަކީ 12 ކްލާސް ރޫމް ހިމެނޭ އިމާރާތެކެވެ. މިނިސްޓަރު ވިދާޅުވީ އިމާރާތަށް ޖުލްމަ 5000،000 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.

އެހެން ނަމަވެސް އާ އިމާރާތުގެ މަސައްކަތް ފަށައި ގަންނަނީ މި އަހަރަށް އެކަމަށް ލިބުނު 3000،000 މިލިއަން ރުފިޔާ އިން ކަމަށް ވެސް ޑރ. އާސިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ފޭދޫ ސްކޫލަށް އަލަށް އިތުރު ކުރާ އިމާރާތުގެ ސަބަބުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހައްލު ކުރެވި، އެ އިމާރާތް ނިމި ބޭނުން ކުރަން ފެށުމުން ފޭދޫ ސްކޫލް އެއް ދަންފަޅި އަށް ބަދަލުވެގެން ދާނެ ކަމަށެވެ.

ޑރ. އާސިމް ވިދާޅުވީ އާ އިމާރާތުގެ މަސައްކަތް މާ ގިނަ ދުވަސްތަކެއް ނުވެ، ނިމޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.

މި އިމާރާތް ކުރަން އަޅަން ނިންމީ ފޭދޫގައި ހުންނަ އެސްޓީއޯގެ ފިހާރަ ހުރި ބިމުގަ އެވެ. އެހެން ނަމަވެސް އެކަމާ މިނިސްޓްރީ އާއި ސްކޫލާ ދެމެދު ވަރަށް ބޮޑަށް މަޝްވަރާކޮށް ސްކޫލްގެ ގޯތި ތެރޭގައި އާ އިމާރާތް ހަދަން ނިންމީ އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތޮފާ ވިދާޅުވީ ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން މިއަދު އާ އިމާރާތެއްގެ ބިންގާ އެޅިގެން މި ދިޔައީ، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރާާތާ އަހަރުތަކެއް ފަހުން ކަމަށެވެ.

އެހެންވެ މިއަދަކީ ފޭދޫ ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ވަަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ދުވަހެއް ކަމަށް މުސްތޮފާ ވިދާޅުވި އެވެ.

ފޭދޫ ސްކޫލަކީ ގްރޭޑް 1-10 އަށް ކިޔަވައި ދެމުން އަންނަ ފޭދޫގައި ހުރި ހަމައެކަނި ސަރުކާރުގެ ސްކޫލެވެ.