ސ. މަރަދޫފޭދޫ ސްކޫލުގައި އަލަށް އިމާރާތް ކުރި ހަތަރު ކުލާސް ރޫމް ބްލޮކް މިއަދު ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފި އެވެ.
އެތަން ހުޅުއްވައި ދެއްްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދެވެ.
މަރަދޫފޭދޫ ސްކޫލުން ބުނީ އަލަށް ލިބުނު ހަތަރު ކުލާސް ރޫމްގެ ސަބަބުން އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތި ކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަަށެވެ.
އަދި މިއީ އަށް މަހެއްހާ ދުވަސް ބިންގާ އެޅުނު ބްލޮކަކަށްވެފައި އެހާ ގިނަ ދުވަހެއް ނުވެ މަސައްކަތް އެއްކޮށް ނިންމާލެވި ބޭނުން ކުރެވޭ ގޮތް ސަރުކާރުން ހަދައި ދިނުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ސްކޫލްގެ ލީޑިން ޓީޗަރު ވިދާޅުވި އެވެ. އެހެންވެ އެެކަމަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ލީޑިން ޓީޗަރު ވިދާޅުވީ މަރަދޫފޭދޫ ސްކޫލަކީ މިހާތަނަށް ޖާގަ އާއި ވަސީލަތްތަކުގެ ގޮތުން ވަރަށް ނިކަމެތި ހާލެއްގައި ހުރި ސްކޫލެއް ކަމަށެވެ. އެހެން ނަމަވެސް އެ ސްކޫލް ސަރުކާރު ސްކޫލަކަށް ބަދަލުވި ފަހުން އެދެވޭ ހެޔޮ ބަދަލުތަކެެއް އަންނަމުންދާ ކަމަށް ވިދާޅުވި އެވެ.
މަރަދޫފޭދޫ ސްކޫލަކީ ވަށައި ޖެހޭ ތައުލީމަށް މި ވަގުތު ކިޔަވައިދޭ އަދި ވޮކޭޝަނަލް ޓްރޭނިން ވެސް ދަރިވަރުންނަށް ދެމުން އަންނަ ސްކޫލެކެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ފާތުމަތު ހަފުސާ ވިދާޅުވީ ޖާގައިގެ ދަތި ކަމަށް މިއަދު އެކަށީގެންވާ ހައްލެއް ލިބިގެން ދިޔަ ނަމަވެސް، އިތުރު ގޮންޖެހުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ.
އެގޮތުން މަރަދޫފޭދޫ ސްކޫލަކީ ވިއްސާރަވުމުން ފެން ބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ސްކޫލަކަށްވާތީ މިނިސްޓްރީ އާ ވާހަކަ ދައްކައިގެން އެކަމަށް ދެން މާ ލަސްތަކެެެއް ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށް ހަފުސާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ސްކޫލަށް ލައިބްރަރީއަކާ ލެބޯރެޓަރީއެއްގެ މުހިއްމުކަން ވެސް ބޮޑުވާ ކަމަށެވެ. އެހެންވެ އެކަންކަން ވެސް މިނިސްޓްރީން ހަމަޖައްސައި ދެއްވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
މިނިސްޓަރު ޑރ. އާސިމް ވިދާޅުވީ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ސްކޫލްތަކަށް ދިމާވާ ދަތިތައް ހަައްލުކޮށް ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.