ސ. ހިތަދޫ ސްކޫލުގައި އިތުރު 12 ކުލާސް އިމާރާތް ކުރަން ނިންމައި، އެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި 12 ކުލާސް ހިމެނޭ ހަތަރު ބުރީގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ޖުމްލަ 500،000 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އެހެން ނަމަވެސް އިމާރާތުގެ މަސައްކަތް ފަށައި ގަންނާނީ މި އަހަރުގެ ބަޖެޓުން ލިބުނު 2.5 މިލިއަން ރުފިޔާ އާ އެކުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ހިތަދޫ ސްކޫލުގައި އަޅަން ނިންމީ ހަ ކުލާސް ރޫމް ކަމަށެވެ. އެހެން ނަމަވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތުމުން އެ އަދަދު 12 އަށް ފަހުން ބަދަލު ކުރީ ކަމަށެވެ. އަދި މި މަސައްކަތް މާ ލަސްތަކެއްް ނުވެ ފެށި، މަސައްކަތް ވެސް ލަސްތަކެއް ނުވެ ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އާ އިމާރާތުގެ ސަބަބުން މިހާރު ގްރޭޑް 1-10 އަށް ކިޔަވައިދޭ ސްކޫލް އެެއް ދަންފަޅި އަށް ވެސް ބަދަލް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުކުރީ ވެސް ވިދާޅުވީ ހިތަދޫ ސްކޫލަށް މިހާރު ދިމާވެފައި އޮތް ޖާގައިގެ ދަތިކަން އާ އިމާރާތުގެ ސަބަބުން ފިލައިގެން ގޮސް، ދަރިވަރުންނަށާއި ސްކޫލްގެ މުވައްޒަފުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.