Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑް ބަލިކުރުމަށްފަހު ޗެލްސީ ފައިނަލަށް

3-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫއެވެ. އޭނާގެ މި ގޯލަކީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ އަތުން ހެދުނު ގޯހަކުން ވަތް ގޯލެކެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު މޭސަން މައުންޓް ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައިވާއިރު، މި ގޯލަކީ ވެސް ޔުނައިޓެޑްގެ ކީޕަރު އަތުން ހެދުނު ގޯހަކުން ވަތް ގޯލެކެވެ. މި ގޯލަށްފަހު ވެސް ޗެލްސީން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނެޓްގައި ޗެލްސީން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލަކީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ޔުނައިޓެޑުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރޫނޯ ފާނަންޑޭސްއެވެ.

މިއީ 19 މެޗަށްފަހު ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗު ކަމަށްވާއިރު، މިއީ މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކުރި 14 ވަނަ ފަހަރެވެ.

މުބާރާތުގެ ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ އާސެނަލްއާއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.