ޖާގަ ނެތިގެން ދަރިވަރުން ސްކޫލްގެ ގޯތި ތެރޭގެ ގަސްދޮށުގައި ވެސް ކިޔަވަން ތިބޭ އައްޑޫ ހައި ސްކޫލްގައި އަލަށް އިމާރާތް ކުރި ތިން ކުލާސް ރޫމް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
އެ ބްލޮކް ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމެވެ.
އައްޑޫގައި 2011 ވަނަ އަހަރުން ފެށިގެން އޭ ލެވެލް އަށް ކިޔަވައި ދޭ އަދި އެންމެ ގިނަ އަދަދަކަށް އައްޑޫގައި އޭ ލެވެލް އަށް ވެސް ކިޔަވާ ދަރިވަރުން ތިބި އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވީ އެ ސްކޫލަކީ ޖާގައިގެ ދަތި ކަމަށް ހައްލެއް ނުލިބި ދިގު ލައިގެން ގޮސްފައިވާ ސްކޫލެއް ކަމަށެވެ.
އެހެން ނަމަވެސް މިހާރުގެ މިނިސްޓަރު ޑރ. އަހުމަދު އާސިމްގެ މިނިސްޓަރު ކަމުގައި މިކަމަށް ހައްލެއް ލިބިފައިވާތީ އެކަމަށް ނަދީމު ވަނީ ވަރަށް ބޮޑަށް ޝުުކުރު އަދާ ކުރައްވައިފަ އެވެ.
އެހެން ނަމަވެސް އެ ސްކޫލަށް ވެސް ލައިބްރަރީއަކާއި ފެންވަރު ވަސީލްތައްތައް ގާއިމު ކުރެވިފައި ހުރި ލެބޯރެޓަރީއެއް ބޭނުންވާ ކަމަށް ނަދީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ހައި ސްކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވެ، ދަރިވަރުން ގަސް ދޮށުގައި ކިޔަވަން ތިބުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ކެތްތެރިކަމާ އެކު ޖާގައިގެ ދަތިކަން ހައްލުވަން ދެން ދަރިވަރުންނާއި ސްކޫލްގެ މެނޭޖްމަންޓުން ތިބި ތިބުމަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރުގެ ސަރުކާރުން ސްކޫލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރަން "ފަހުގެ ތާރީހެެއްގައި" ނުކުރާ ވަރުގެ ހަރަދެއްކޮށް، އެކަމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.