އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓް ފާސް ކުރަންޖެހޭ މުއްދަތު ފާއިތުވެ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް އެ ވާހަކަ މީޑިއާ އަށް ތިލަވިތާ ދެ ގަނޑި އިރު ނުވަނީސް ކުއްލި ބައްދަލުވުމެއް ބާއްވައި ކައުންސިލްގެ ބަޖެޓް ފާސްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލްގެ 2014 ވަނަ އަހަރުގެ ބަޖެޓް ފާސް ކުރުމަށް 3 ބައްދަލުވުމެއް ބާއްވަން ކައުންސިލުން ޝެޑިއުލް ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ބައްދަލުވުމެއްގެ ކޯރަމް ހަމަ ވެފައި ނުވެ އެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބާއްވަން ހަމަ ޖެއްސި ބައްދަލުވުންވެސް ވަނީ ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފައެވެ. އަދި މިއަދު ހެނދުނު 10:30 ގައި ބާއްވަން ޝެޑިއުލް ކުރި ބައްދަލުވުން ވެސް ވަނީ ގަނޑި އަށް ނުބޭއްވިފަ އެވެ.
އަދި އެ ވާހަކަ "އައްޑޫ ލައިވް" އިން ރިޕޯޓް ކުރިތާ ދެ ގަޑި އިރު ނުވަނީސް ކައުންސިލުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި ބަޖެޓް ފާސްކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން މިއަދު ފާސް ކުރި ބަޖެޓަކީ 421 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ބަޖެޓް ހެދުމުގައި ކައުންސިލަރެއްގެ އެއްްވެސް ދައުރެއް ނެތް އިރު ބަޖެޓާއި ގުޅޭ ގޮތުން ރައްޔިތުންނާ އެކީ މަޝްވަރާ ކުރުމެއް ވެސް ބާއްވާފައި ނުވެވއެވެ.
މިއަދު ކައުންސިލުން ފާސް ކުރި ބަޖެޓަކީ ކައުންސިލްގެ އިދާރީ މުވައްޒަފުން ތައްޔާރު ކުރި ބަޖެޓެކެވެ.
އެހެންވެ 2014 ވަނަ އަހަރު އިންތިހާބުވާ ކައުންސިލަށް ރައްޔިތުންގެ ކަންކަން ކުރުމުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ.