Last Updated: August 2, 14:02
Saturday, August 2, 2025
ވިޔަފާރި

ގަން/ ލަންކާ ދަތުރުތަކަށް ފިނި ތަރުހީބެއް!

މި މަހުގެ ހަތް ވަނަ ދުވަހު މޯލްޑިވިއަން އިން ސ. ގަމާއި ސްރީ ލަންކާ އާ ދެމެދު ފެށި ދަތުރުތަކަށް ލިބޭ ތަރުހީބު އަދި ވަރަށް ކުޑަކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު އެހެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށް ގަމުން ލަންކާ އަށް ހަތަރު ދަތުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ދަތުރުތަކަށް ތަރުހީބު އަދި ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ އިތުރުން ދެކުނުގެ އަނެއް ތިން އަތޮޅަށް ވެސް ކަނެކްޗަން ދީގެން ލަންކާ އަށް ކުރާ ދަތުރުތަކުގައި މިހާތަނަށް ގަން ފިޔަވައި އެހެން އަތޮޅަކުން ލަންކާ އަށް ދަތުރުކޮށްފައި ނުވެ އެވެ.

ނަޝާތު ވިދާޅުވީ އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދަތުރުތަކަށް ލިބޭ ތަރުހީބު ރަނގަޅުވާނެ ކަމަށެވެ. އަދި މިހާރު ފުވައްމުލަކުން ބުކިން ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ ކުރިއަށް ދުވަސްތަކުގައި އަގުތަކަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިހާރުގެ އަގުތަކަކީ ޕްރޮމޯޝަންއެއްގެ ދަށުން ހަދާފައިވާ އަގުތަކެއް ކަމަށާއި ދެތިން މަސް ފަހުން އަގުތަކަށް ބަދަލު ގެންނަން ނިންމި ނަމަވެސް އަގު ބޮޑު ނުކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ އާއި ހުކުރު ދުވަހު ބާއްވާ ދަތުރުތަކުގައި ގަމުން ލަންކާ ދެކޮޅު ދަތުރުގެ އަގަކީ 269 ޑޮލަރު (4،147.98ރ) އެވެ.

ފުވައްމުލަކުން ލަންކާ ދެކޮޅު ޓިކެޓްގެ އަގު 296 ޑޮލަރު (4،548.9ރ.) ހުރި އިރު، ކައްދު އާއި ކާޑެއްދޫ ލަންކާ ދެކޮޅު ޓިކެޓްގެ އަގަކީ 299 ޑޮލަރު (4،610.58ރ.) އެވެ.