ކޯޓުން ބޭރުގައި 17 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށް އެ ކުއްޖާ ބަލިވެ އިން މައްސަލާގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ޝޭޑޯޒް އުމުރުން 23 އަހަރުގެ އަހުމަދު ޢައްޠަފްއެވެ.
ޕީޖީ އޮފީހުން ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލައި އެ މައްސަލަ މ. ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 3 ވަނަ ދުވަހުއެވެ. އަދި މ.މުލީ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތެވެ.
ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ އިތުރުން ކުޑަކުދިން އެބިއުސް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.