Last Updated: June 9, 11:45
Tuesday, June 9, 2026
ސިޔާސީ

އައްޑޫގެ ކެމްޕޭން ވަރުގަދަ ކުރަން ގޮވާލައިފި

ޕީޕީއެމްގެ އައްޑޫ ރިޔާސީ ކެމްޕޭން ކުރިއަށް މިއޮތް ދުވަސްތަކުގައި މިހާރަށް ވުރެ ބޮޑަށް ވަރުގަދަ ކުރަން އެ ޕާޓީގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.

ވަރަށް ކުއްލި ދަތުރެއްގައި އައްޑު އަށް މިއަދު ވަޑައިގެން މިރޭ ފޭދޫ ސްކޫލްގައި ޕީޕީއެމްގެ އައްޑޫ އިސް ކެމްޕޭން އެޖެންޓުންނާ ބައްދަލު ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ މިހާރު އޮތީ ކެމްޕޭން ފަހު 90 މިނިޓަށް އެޅިފައި ކަމަށެވެ.

އެހެންވެ ހުރިހާ ރަށެއްގައި ވެސް ކެމްޕޭން ހަރަކާތްތައް އިތުރުކޮށް، ޕާޓީއަށް މެމްބަރުން އިތުރުކޮށް ވޯޓަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ފޯރިއާ އެކު، ހިތްވަރު އެލުވާ ނުލައި، ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާ ނަމަ އެއްވެސް ޝައްކެއް ނެތި ޕީޕީއެމުން އިންތިހާބް ކާމިޔާބް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް މިހާރު ފެންނަނީ ޕީޕީއެމް އޮތް ތާއީދު އިތުރުވެގެން އަންނަ ތަން ކަމަށް ވިދާޅުވި އެވެ.

ޑރ. ޖަމީލް އަދި ވިދާޅުވީ ވޯޓް ލުން އޮންނަ ދުވަހު ޕީީޕީއެމްގެ ހުރިހާ މެމްބަރުން ފަތިހު ތެދުވެ، ފަތިސް ނަމާދުކޮށް، އެންމެން އެއް ތަނަކަށް އެއްވެ ސައި ބޮއި ހެދުމަށް ފަހު ފޯރި އާ އެކު ވޯޓްލާން ނިކުންނަން ޖެހޭނެ ކަމަށެވެ. އަދި އެ ހިތްވަރުގައި މަސައްކަތް ކުރަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މި ރޭ ބޭއްވި ބައްދަލުމުގައި ބައިވެރިން ވަނީ އެ މީހުންގެ ހިޔާލު ވެސް ޖަމީލަށް ހުށަހަޅާފަ އެވެ. އެގޮތުން އަންނަ ހުކުރު ދުވަހު އައްޑޫގައި ބޮޑު ވެހިކަލް ބުރެއް ބޭއްވުމަށާއި އައްޑޫގައި ބޮޑު ޖަލްސާއެެއް އިންތިޒާމް ކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ އޭނާ އެކަންކަމަށް މަރުހަބާ ކިޔާ ކަަމަށާއި އެކަމާ ގުޅޭ ގޮތުން ޕާޓީގެ އިސް ސަފުން ކުރަން ޖެހޭ ކަންކަން ކޮށް ދެއްވާނެ ކަމަށެވެ.