ސ. ހިތަދޫން 200 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން ގޯތި ދޫކުރުމަށް ފާސްކޮށްފައި ވަނީ ހިތަދޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިމެނޭ ސަރަހައްދުން ނެގި ގޯތިތަކުގެ ބަދަލުގަ އެވެ.
ކައުންސިލްގެ މީޑިއާ ސެކްޝަނުން ބުނީ އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ގޯތި ދޫކުރުމާ ގުޅޭ ޓައިމްލައިނެއްގެ މަޝްވަރާ ކުރިއަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް ގޯތި ދޫކުރާނެ ވަކި ތަނެއް ކައުންސިލުން ހާމަ ކޮށްފައި ނުވާ ކަމަށް މީޑިއާ ސެކްޝަނުން ބުނެ އެވެ.
މީޑިއާ ސެކްޝަނުން ބުނީ ގޯތި އަށް އެދުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ.
ހިތަދޫން ގޯތި ދޫކުރުމާ ގުޅޭ ގޮތުން ކައުންސިލުން ކުރިން ބުނެފައި ވަނީ ހިތަދޫގެ އާރް އެފް ސަރަހައްދުގަ ހައުސިން ޔުނިޓް އެޅުމަށް ޚާއްސަ ކުރި ބިމުން ގޯތި ދޫކުރުމަށް ކައުންސިލުން ވިސްނާފައިވާ ކަމަށެވެ.
އަދި ޖުލައި މަހުގެ 16 ވަނަ ދުވަހު އައްޑޫގެ މޭޔަރު ވިދާޅުވެފައި ވަނީ ހިތަދޫން ގޯތި ދޫކުރާނީ ބިން ހިއްކައިގެން ދެ ސަރަހައްދަކުން ކަމަށެވެ.
އެގޮތުން ބިން ހިއްކުމަށް ނިންމާފައިވާ ދެ ސަރަހައްދަކީ ބަނދަރާއި ދިމާލުން މިހާރު މީހުން ފަތަންދާ ސަރަހައްދާއި މެދެއާރި މަގުން ހިތަދޫގެ ފުށްޓަރު ފަރާތުން ހިއްކާ ސަރަހައްދެވެ.
ކައުންސިލުން ބުނެފައި ވަނީ ހިތަދޫން ގޯއްޗާ ބެހޭ 750 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށާއި ހިތަދު އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތި ލިބުމުގެ މައްސަލަ ކަމަށެވެ.