Last Updated: May 8, 18:18
Wednesday, May 8, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 16، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

ޔޫނުސް ހޮސްޕިޓަލުން ގެއަށް ފޮނުވާލި ދުވަހު ކޯޓަށް ދާން އަމުރު އަ އެވެ. އޭނާގެ ބަދަލުގައި އުނައިސް އެ ބައްދަލުވުމަށް ދިޔައެ ވެ. ފެކްޓަރީ އާއި އެ މީހުންގެ ގެ ބެންކުގައި ރަހީނުކޮށްފަވާކަމާއި ވަކި މުއްދަތެެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ނުކޮށްފިނަމަ މި ދެ ތަން ސަރުކާރަށް ނެގޭނެ ވާހަކަ އެންގި އެވެ.

ފެކްޓަރީގައި މަސައްކަތް ކުރަމުން ދިޔަ މީހުން ވަޒީފާ ގެއްލި އަނެއް ބަޔަކު އެކި ތަންތަނަށް ވަޒީފާ އަށް ދިޔައީ އެވެ. ވަފާތެރި ދިހަ ވަރަކަށް މީހުން ފެކްޓަރީ ކައިރީ ކޮން މެދުވަހަކު ރޮއިރޮއި ތިބެ އެވެ. އެއީ މުސްކުޅިވެގެން އެހެން ތަންތަނަށް ބޭނުން ނުހިފުނު މީހުންްނެވެ. އުނައިސް ގެޔަށް އައީ ފަޅިވެފައިވާ ހިތަކާއިގެންނެވެ. ތާނިޔާ ކާރުތެރޭ އިނދެގެން ވެސް ހުއްޓާ ނުލާ ރުއީ އެވެ. ކާރުގެ ޑްރައިވަރަކީ ވެސް މި މައްސަލަ ކޮންމެވެސް ވަރަކަށް ދަންނަ މީހަކަށް ވާތީ ވާހަކަ ދައްކަން ފެށި އެވެ.

"އަހަރެންނަށް ކުރީގަ ވެސް އެނގޭ އެ ސަލީމަކީ ވިޔާދާ މީހެއް ނޫންކަން. ހަމަ ގައިމު އޭނަ ނޫން މީހެއް ނަމަ ކާން ދިން އަތުގަ ދަތެއް ނޭޅީސް ދޯ؟"

އުނައިސް ހިތި ގޮތަކަށް ހިނިތުންވެލުން ފިޔަވައި އެއްޗެކޭ ނުބުނެ އެވެ. ތާނިޔާ ވެސް އައި ގޮތަށް މަންމަގެ ގައިގައި ބައްދައިގެން ވެސް ރުއީ އެވެ.

"މަންމާ މި ވީކީއްތަ…ދޮންތަ ބޭޭބެ މިކަހަލަ ލަނޑެެއް ދިނީ ކީއްވެ؟"

އުނައިސް ބައްޕަގެ ކޮޓަރިޔަށް ވަން އިރު ބައްޕަ އޮތް ހާލުން ފެނިފައި އުނައިސް ވަރަށް ދެރަވި އެވެ. އަދި މޫނު ފޮރުވައިގެން ރޯން ފެށި އެވެ. ވަހީދާ އައިސް އުނައިސް ގެ ބޮލުގައި ފިރުމާލި އެވެ. މަންމަގެ ލޯބި ފެނިފައި އުނައިސް ގެ ކެތްތެރިކަން ކޮޅުން ލިޔެ އެވެ. މަންމަގެ ގައިގައި ބައްދާލުމަށް ފަހު ހަރު އަޑުން ރޯން ފެށި އެވެ.

"މަންމާ މި ގެއަކީ ބައްޕަގެ އިއްޒަތް. އަހަރެން މި ގެ ކޯޓުން ނެގިޔަ ނުދޭނަން. ބައްޕަގެ ފަރާތުން އަހަރެން ވަކާލާތު ކުރާނެ ރަނގަޅު ލޯޔަރަކު ހޯދާނަން."

"އާނ…ދަރިފުޅާ މީ ކޮން ފަދަ ބޮޑު އޮޅުވާލުމެެއް…ކިހިނެއް ހެޔޮވާނީ މިކަހަލަ ކަމެއް ކުރަން؟ މިފަދަ ދުވަހެއް ދުޝްމަނަކަށް ވެސް މިންވަރު ނުކުރައްވާށި." ވަހީދާ ވެސް ގިސްލުމަކާ އެކު ބުންޏެވެ.

މިއަދު އެއިން ކޮންމެ މީހަކަށް ޖެހުނީ އެކަކު އަނެކެއްގެ ކަރުނަ ފޮހެދޭށެވެ. ޔޫނުސް ބަގީޗާ އަށް ނަޒަރު ހުއްޓާލައިގެން ވިސްނުމެއްގެ ތެރޭ އޮތެވެ. ޔޫނުސްގެ ކޮޓަރިއަކީ އާދަޔާހިލާފު ރީތި ކޮޓަަރިއެކެވެ. އެނދުގައި އޮންނަ އިރު ސާފުކޮށް ބޭރުގެ މަންޒަރު ފެންނަން ހުރެ އެވެ.

ރީތި ގަސްތަކާ މާމެލާމެލިން ފުރިފައިވާ ބަގީޗާއެއް ހާމަކޮށް ފެންނަން ހުރެ އެވެ. އެ ބަގީޗާއަކީ ވަހީދާގެ ބުރަ މަސައްކަތުގެ ފުރިހަމަ ނަމޫނާއެކެވެ. އެ ކޮޓަރިއަކީ އެމީހުން ކައިވެނީގެ ފަހުން މީގެ 30 އަހަރު ކުރިން އައި އިރު ވަރަށް އާދައިގެ ގޮތަކޮށް ހުރި ތަނެކެވެ.
އެންމެ އެނދަކާ ގޮނޑިޔެކެވެ. ދެން ވަށައިގެން ގަސްތަކެވެ. ޔޫނުސްއަކީ ގަސްތަށް ދެކެ އިންތިހާ އަށް ލޯބިވާ މީހެކެވެ. މިކަން ވަހީދާ އަށް އެނގެ އެވެ. އެހެންވެ އެ މީހުން އެގެ ހެދި އިރު ވެސް ވަހީދާ ގެ އިރުޝާދުގެ ދަށުން އެ މީހުންގެ ކޮޓަރިއަށް ބަގީޗާ ފެންނަ ގޮތަަށް ފަރުމާ ކުރި އެވެ. އަދި މިއަދު އެ މީހުންގެ ސުވަރުގެ މި އުޅެނީ އެމީހުންގެ އަތުން ބީވާށެވެ. ނޫނީ ބީވެއްޖެ އެވެ.

މި ހައިޖާނުގައި އުނައިސް އަށް ހީނާ ކައިރިޔަށް އާދެވެނީ މަދު ފަހަރެއްގަ އެވެ. ގިނަ ވަގުތު އޭނާ ހުންނަނީ އޭނާގެ ގޭގަ އެވެ. ހީނާ މިކަންތަށް ބޮޑު ކަންތައްގަނޑަކަށް ހެދި އެވެ.

"މިހާރު އަހަރެންގެ މަތިން ހަނދާން ހުންނަ ވަގުތެއް ވެސް ނުވޭދޯ؟" އުނައިސް ގެއަށް އައިސް ވަނުމާ އެކު ހީނާ ޝަކުވާ ކުރަން ފެށި އެވެ.

"ޔަޤީން ކުރޭ އަހަރެން އުޅެނީ ވަރަށް ބިޒީކޮށް. ގޭގަ ކަންތަކާ ފެކްޓަރިގެ ކަންތަކުގެ ވަކި މަންމަމެނަށް އެހީވާނީ ކާކު؟ ނޭވާއަކީ އަތުން ލާއެއްޗެއް ނަމަ މިހާރު އަހަރެން މަރުވީސް. އެކަމަކު މިކަމުގަ ވެސް ހިތްވަރު މި ލިބެނީ ހީނާ އަހަރެންނާއެކު ހުރީމަ."

"އުނައިސް ބައެއްކަންތަށް ހަނދާން ނެތުނަސް އަހަރެން އިއްޔެ މެންދުރު ވީކަންތައް ހެން ހަނދާން އެބަހުރި. ވީމާ ތި ގެއަށް ދިމާވި ތިކަންތަކުގެ ތަފްސީލް އަހާކަށް އަހަރެން މާޝައުގެއް ނެތް." ހީނާ ދެކޭ ގޮތުގައި އެ މީހުން ވަނީ އުނައިސް އާއި ހިނާ ދުރުކޮށް ބަކީކޮށްލާފަ އެވެ.

އެހެންވެ މިއަދު ކޮންމެހެން އެ މީހުން ކަމެއް ދިމާވުމުން އުނައިސް މަތިން ހަނދާން ކުރާނެ ކަމެއް ނެތް ކަމަށް ހީނާ ދެކުނެވެ. އެ ކަންތަށް ދިމާނުވި ނަމަ ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް ޔޫނުސްމެން އުނައިސް މަތިން ހަނދާންނުވީހެވެ. އެހެންވެ މިއަދު އުނައިސް އެ މީހުންނަށް އެހީވާކަށް ނުޖެހޭނެ އެވެ. އެ މީހުން ވަނީ މާ ކުރިން މި ތިމާގެ ގުޅުން ކަނޑާލައިފަ އެވެ.

(ނުނިމޭ)