Last Updated: May 2, 21:43
Thursday, May 2, 2024
ކޮލަމް

މުޙައްމަދު ޙަސަންދީދީގެ ޙަޔާތުގެ ހިތި ތަޖުރިބާ

މުޙައްމަދު ޙަސަންދީދީ އިނގިރޭސި އާރ.އޭ.އެފް ފުލުހެއްގެ ގޮތުގައި... (ފޮޓޯގައިވާ 3 މީހުންގެ ތެރެއިން މެދުގައި މުޙައްމަދު ޙަސަންދީދީ)

ޙުސައިން ޖަގަޑާގައި ހައްޔަރުވުން:

" 1964 ވަނައަހަރު އާރޭފް ޙުސައިންގެ މައްސަލާގައި އަޅުގަނޑުގެ ލޯބިވާ ވަޒަން ދޫކޮށްލާފައި ދާންޖެހުނީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަކުރަމުންނެވެ. އެއީ އަޅުގަނޑާމެދު ތަޤްދީރު ނިޔާކުރި ގޮތްކަމަށް ބަލައިގެންނެވެ. އަޅުގަނޑާއި، އަޅުގަނޑާއެކު ހައްޔަރުކުރި އެހެންމީހުންނަށް އައްޑުއަތޮޅުގެ ރައްޔިތުން އަދަބުދިނީ އެއްވެސް ކަހަލަ ރަޙުމެއް ހަމްދަރުދީއެއް ނެތިއެވެ. އަޅުގަނޑުމެންނަކީ ﷲ ހެއްދެވި އިންސާނުންކަމަކަށްވެސް އަދަބުދިން މީހުން ނުބެލިއެވެ.

އާރޭފް ޙުސައިނުގެ ޖަގަޑާގައި އަޅުގަނޑުމެން ހައްޔަރުކޮށްގެން ގޮސް ލީ މަރަދޫ "ވެންބޮޅޮފީށެ ބޮޑުގެ" އަށެވެ. އެތާގައި ދުވާލު ދެއިރު ދިން ކާއެތިކޮޅެއް ދިނީވެސް ބަނބުކެޔޮފަތަށް އަޅާފައެވެ. އެ ޙާލަތުގައި އެތާގަނއި 6 ދުވަސް ވަންދެން ތިއްބާ ކުއްލިއަކަށް އަޅުގަނޑުމެން އަތުގައި ބިޑިއަޅުވައިފިއެވެ. އަދި އޭގެ މަތިން ހިމަރޯނުން ފަށަކާފަށެއް ޖައްސާ ބަނދެފަ މާލެ ފޮނުވުމަށްޓަކައި ބޯޓަކަށް ލައިފިއެވެ. ބޯޓަށް ލަމުންވެސް އަނިޔާވެރިން އަޅުގަނޑުމެންނާ ދިމާއަށް " ދެން ކަލޭމެން ދެކޭނެ ބަޔަކު މިދުނިޔެއަކު ނޫޅޭނެ، ދެން ބައްދަލުވާނީ މަޙުޝަރު ބިމުން" ނޭ މި އިބާރާތުން ބުންޏެވެ.

އެރޭ އަޅުގަނޑުމެން ގޮވައިގެން ބޯޓު މާލެ ދަތުރު ފަށައިފިއެވެ. މާލެއަށް ދެވުނީ ތިންރޭ ތިންދުވާލަށްފަހުގައެވެ. މާލެ ދެވުމުން ބޯޓުގެ ނެވިމީހާ ބޯޓުން ފައިބައިގެން ދިޔައީ ކަސްޓަމަށެވެ. އޭނަ ދިޔަތާ އިރުކޮޅެއްފަހުން މާލޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ ބަޔަކު އަޅުގަނޑުމެން ތިބި ބޯޓުކައިރިއަށް ތޮށިމައްޗަށް ޖަމާވެގަތެވެ. "ތިޔަ ބާޣީން ކޮބައިހޭ، އަވަހަށް ގެންނާށޭ، ހަދާލާގޮތްދައްކާލާނަމޭ" މިކަހަލަ ގޮވެލިތައް ގޮވަމުން އަޅުގަނޑުމެން ތިބި ބޯޓަށް އަރަން ދިމާކުރިއެވެ. އެވަގުތު ސިފައިން އައިސް ރައްޔިތުން ދުރައްޖައްސައި، އަޅުގަނޑުމެން ސިފައިންގެ އުޅަނދަކަށް ލައިގެން ކަނޑިންމައިން ނުކުމެ ދަތުރު ފަށައިފިއެވެ. އެތަންވަޅު، މިއަނިޔާތަކުން ސަލާމަތް ކޮށްދެއްވަތްތޯ ހިތާހިތުން ﷲ އަށް ދެންނެވީމެވެ. ނުތާހުރާ ތިބުމުގެ ސަބަބުން ދުލުން ހެޔޮ އެއްޗެއް ކިޔެން ނެތް ޙާލަތުގައެވެ.

ވިލިގިލީ 1 ނަންބަރު ޖަލުގައި ހައްޔަރުވުން:

މި އުޅަނދު ދަތުރުކޮށްފައި ދިޔައީ ވިލިގިއްޔަށެވެ. ވިލިގިއްޔަށްގޮސް އަޅުގަނޑުމެން ގެންދިޔައީ 1 ނަމްބަރު ޖަލަށެވެ. އަޅުގަނޑުމެން އެތަނަށްލީތަނާ އިރުކޮޅަކުން ސިފައިންގެ ބަޔަކު އަތުވެއްޖެއެވެ. އެއިރު އެމީހުން އަތުގައި ބަޑިވެސް ހުއްޓެވެ. އަޅުގަނޑުމެން ވިސްނީ އެމީހުން އަޅުގަނޑުމެން ގަޔަށް ބަޑި ޖަހާނެ ކަމަށެވެ. ނަމަވެސް ކަންތައްވީއަކީ އަޅުގަނޑުމެން ހީކުރި ގޮތަކަށް ނޫނެވެ. އަޅުގަނޑުމެންގެ އަތް ބަނދެފައިވާ ރޯނު މޮހެ ބިޑި ނައްޓާލުމަށްފަހު، އެތާހުރި ގެއެއް ދައްކާފައި އެގެ އަޅުގަނޑުމެން ލައްވައި ސާފުކުރުވިއެވެ. ސާފުކޮށް ނިމުމުން ދެން އެންގީ މޫދަށްގޮސް ފެންވަރައިގެން އައުމަށެވެ. ފެނަވަރައިގެން ދިއުމުން ޖަލު ނަންބަރު ޖަހާފައިވާ ހެދުމެއް ކޮންމެ މީހަކަށްވެސް ދިނެވެ. އަޅުގަނޑަށް ލިބުނީ 83 ނަންބަރު ހެދުމެވެ. ހެދުން ލައްވައިގެން އަޅުގަނޑުމެން އެންމެންވެސް ގެންދިޔައީ 1 ނަންބަރު ޖަލަށެވެ. އެތަނުން އަޅުގަނޑުމެންނަށް ސައި ދީފަ، އެންގީ ތަންބަލަހައްޓާ ފަރާތުގެ އިޒުނައާ ނުލައި އެއްވެސް މީހަކު މިތަނުން ބޭރަށް ނުދިއުމަށެވެ.

އަޅުގަނޑުމެން ޖަލލުގައި ތިއްބައި އިރު އޮއްސުމުން ރޭގަނޑުގެ ކެއުން ކައި ނިމިގެން ނިދާން ބެލިއިރު ނިދާނެ އެއްވެސް ތަނެއް ނެތެވެ. އެހެން ތިއްބާ ސިފައިންގެ މީހަކު އައިސް އަޅުގަނޑުމެން ގޮވައިގެން ސިފައިންގެ އަށް ހިނގައްޖެއެވެ. އެތަނުން ޢަބްދުލް ޙައްނާން ޙަލީމް އަޅުގަނޑުމެންނާ ސުވާލު ކުރެއްވިއެވެ. އޭގެ ޖަވާބުގައި އެމީހަކު ދެނެހުރި ގޮތަކަށް ކޮންމެ މީހަކުވެސް ޖަވާބު ދިނެވެ. އަޅުގަނޑުމެން ދެއްކި ވާހަކަ ނޯޓު ކުރެއްވުމަށްފަހު އަނެއްކާވެސް އަޅުގަނޑުމެން ޖަލަށް ފޮނުއްވާލެއްވިއެވެ. އެރޭ ނިދާނެ ތަނެއް ނެތިގެން ޖަލު ބަލަހައްޓަން ހުރި ސިފައިންގެ މީހާ އާއި ވާހަކަ ދެއްކުމުން އޭނާ އަޅުގަނޑުމެންނަށް ނިދަން ދެއްކީ ބިންމައްޗެވެ. ސެއްޅިއާއި މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާ އެޖަލުން ބިންމަތީގައި އަޅާނެ ފޮތިގަނޑެއް ކުނަލެއްހައި މިންވަރުވެސް ނުލިބުނެވެ.

ހެނދުނު ތެދުވެ މޫނުދޮވެގެން އައީމާ ކޮންމެ މީހަކަށް ސައި ލާއްސަކާއި ދެޖޯޑު ފާރޮށި ލިބުނެވެ. ދެން ދާން ޖެހުނީ ސިފައިންގެ މީހާ ދެއްކި މަސައްކަތެއް ކުރާށެވެ. ޖަލުގައި ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް ކަންތައް އޮތީ މިގޮތަށެވެ. ރަށުތެރޭގައި ދުވާލުދާ ހަތަރު ދަމު ކުރަން ޖެހެނީ ބުރަ މަސައްކަތެވެ. ރުއްކެނޑުމާއި އުވަދެވުމާއި ތޮށަލިވިޔުމާއި ރަށުތެރެ ސާފުކުރުމުގެ މަސައްކަތެވެ. ކެއުމަކަށް ދެނީ ކޮންމެ މީހަކަށްވެސް ހެނދުނު ސައި ލާއްސަކާއި ދެޖޯޑު ފާރޮށްޓެވެ. މެންދުރު ކެއުމަށް ކޮންމެ މީހަކަށް 1 ލާހި ހަނޑުލާއި ލައިގެންކާނެ އެއްޗެކެވެ. ރޭގަނޑުގެ ކެއުމަށް ކޮންމެ މީހަކަށް ބައިލާހި ހަނޑުލާއި ލައިގެން ކާނެ އެއްޗެކެވެ. މިގޮތުގައި މިޖަލުގައި 11 މަސް ހޭދަކުރަން ޖެހުނެވެ.

އެއްދުވަހު ހެނދުނެވެ. ޖަލުގައި ތިއްބާ ޖަލުބަލަހައްޓާ ސިފައިންގެ މީހާއައިސް އަޅުގަނޑުމެން ޖަލުން ނެރެގެން ގެންގޮސް ބޯކޮށުވައި ފެންވަރުވައިގެން ގެނަސް އަޅުގަނޑުމެންގެ ހެދުން ދީފަ ޖަލުގެ ހެދުން ބާލައި އަމިއްލަ ހެދުން އެޅުމަށް އެންގިއެވެ. ދެން ސިފައިންގެ ބޯޓަކަށް އަޅުގަނޑުމެން ގެންގޮސް ލައިފިއެވެ. ގެންދެވުނީ މަޙްކަމަތުލް އަމުން ޢާއްމަށެވެ. އެއިރު އަޅުގަނޑުމެން ތިބީ އަޅުގަނޑުމެން މިނިވަންވާނޭކަމަށް ހީކޮށްގެންނެވެ. ކަންދިމާވީ ހީކުރިގޮތާ ޚިލާފަށެވެ. އެތަނުން އެންގީ ހދ. ނޮޅިވަރަންފަރަށް އަޅުގަނޑުމެން ފޮނުވާލާ ވާހަކައެވެ. ދަންނަ ރައްޓެއްސެއް ނެތްތާގައި ދުވަހަކު ނުދާ ތަނަކަށް ދާންޖެހުމުން ކުރަންޖެހޭ ހުރިހާ އަސަރެއް އަޅުގަނޑުމެންނަށް ކުރިއެވެ. ރޮވުނެވެ. ގިސްލެވުނެވެ. އެކަމަކު ރަޙްމު ކުރާނީ ރަޙުމުކުރާ ކަހަލަ ހިތެއްގެ ވެރިބަޔަކުތާއެވެ.

ހދ. ނޮޅިވަރަންފަރަށް

އަޅުގަނޑުމެން ގޮވައިގެންގޮސް ފަޅުއޮޑިފަހަރުތަކަށް ލައިފިއެވެ. ނޮޅިވަރަންފަރަށް ދިއުމަށް ދަތުރު ފަށައިފިއެވެ. މި ދަތުރުމަތީގައިވެސް ކާންލިބެނީ ހަމަ ޖަލުގައިވެސް ކާންދިން އެއްޗެތި ހަމަ އެ މިންވަރަށެވެ. މިޙާލަތުގައި ދަތުރުކޮށް ކަނޑުމަތީގައި ތިންރޭ ތިންދުވާ ހޭދަކުރުމަށްފަހު ނޮޅިވަރަންފަރަށް ދެވިއްޖެއެވެ. އޮޑީގެ ނެވިމާހީ އަޅުގަނޑުމެން ގޮވައިގެން ގޮސް ޙަވާލުކުރީ އަތޮޅުއޮފީހާއެވެ. އަތޮޅުވެރިން އަޅުގަނޑުމެންނާ ވާހަކަ ދައްކަވާފައި ވިދާޅުވީ އަޅުގަނޑުމެންނަށް ކުރަން އެނގުނު މަސައްކަތެއްކޮށްގެން މަހަށް ފަރަށް ވަލަށް ގޮސްގެން ކައިބޮއި އުޅުމަށެވެ. މަހަށްދާއިރުވެސް ރަށުންބޭރު އެއްވެސް ތަނަކަށް ފައިބައިގެން ނުވާނެ ކަމަށެވެ. އަތޮޅުވެރިން އަޅުގަނޑުމެންނާ މިވާހަކަ ދައްކަވާފައި ދެން އަޅުގަނޑުމެން ފޮނުވާލީ ރަށުއޮފީހަށެވެ. އެ އޮފީހުންވެސް އަޅުގަނޑުމެންނަށް އެންގެވީ ހަމަ އެވާހަކައެވެ.

ރަށުތެރެއަށް ދޫކޮށްފައި ހުންނަ ކުކުޅުހާވެސް ރަށުތެރޭގައި އުޅޭފަދައިން އަޅުގަނޑުމެންނަށް އެރަށުގައި އުޅެންޖެހުނީއެވެ. ދަންނަ ތިމާގެ މީހެއް ރައްޓެއްސެއް ނެތެވެ. އެއްދުވަހަކު އެރަށުގެ ބޮޑުމަގުންލާފައި އަޅުގަނޑުމެން ދަނިކޮށް ފެނުނީ މަގުމަތީގައި ބަބުކެޔޮ ކަނޑައިގެންތިބި މުސްކުޅި ދެތިން އަންހެނެކެވެ. އަޅުގަނޑުމެންނަށް އެމީހުންނާ މުޚާޠަބުކޮށް އެއްވެސް ބަހެއް ބުނެލާކަށް ނުކެރުނެވެ. އެމީހުންވެސް އަޅުގަނޑުމެންނާ ވާހަކައެއް ނުދައްކައެވެ. ލަދުން އެއްޗެކޭ ބުނަން ނުކެރުނީ ކަމަށް ވެދާނެއެވެ. ދެންވެސް ކުރިޔަށް ހިނގަމުންދިޔައީއެވެ. ދެން ފެނުނީ އެރަށު ހުކުރު މިސްކިތެވެ. މިސްކިތްދޮށުގައި އިރުކޮޅަކު މަޑުކޮށްލައިގެން ތިބުމަށްފަހު އެނބުރި އައިކޮޅަށް ހިނގަން ފަށައިފީމުއެވެ. އަނެއްކާވެސް އެއްކަލަ އަންހެންވެރިންނާ ދިމާވެއްޖެއެވެ. އަޅުގަނޑުމެން ފަސްދިނީމާ އެމީހުން އަޅުގަނޑުމެންނަށް ގޮވާލައިިފިއެވެ. އެތަނުން އެކަކު އަޅުގަނޑުމެންނާ ވާހަކަ ދައްކަން ފެށިއެވެ. އަޅުގަނޑުމެންނަކީ ކޮންރަށެއްގެ ބައެއްތޯ އެމީހުން އަހާލުމުން އައްޑުއަތޮޅު ބައެކޭ ބުނީމެވެ. ކުށްވެިވެގެން އަރުވާލާފައި ތިބި ބައެއްކަމަށްވެސް ބުނީމެވެ. ކަލޭމެން ދަންނަ އެއްވެސް ބަޔަކު އެބައުޅޭހެއްޔޭވެސް ސުވާލު ކުރިއެވެ. މިރަށަކީ ދުވަހަކުވެސް އަޅުގަނޑުމެން އައި ރަށެއް ނޫންކަމަށާއި އަޅުގަނޑުމެން ދަންނަ އެއްވެސް ބަޔަކު ނެތްކަމަށް ބުނީމެވެ. ދެން އެމީހުން މަގުމައްޗަށް ގޮނޑި ނެރެ އަޅުގަނޑުމެން ގޮނޑި ގޮނޑީގައި ބައިތިއްބައިފިއެވެ.

މާ ގިނަ އިރުތަކެއް ނުވަނީސް ގެއަށް ވަންނަން އެމީހުން އަންގައިފިއެވެ. ގޭތެރެއަށް ވަންއިރު ހުރީ ކާންތައްޔާރު ކޮށްފައެވެ. ބަނބުކޭލާ، ކާށްޓާ، ވަޅޯމަހާ ތައްޔާރު ކޮށްފައެވެ. ކައިގެން ނިމި ފެންބޮއި ދުފައި ނިމުނީމާ އެގޭގެ ވެރިމީހާ އަޅުގަނޑުމެންނަށް އެންގީ މިރޭވެސް ކާން އައުމަށެވެ. އެފަހުން އެގެއިން އަޅުގަނޑުމެންނަށް ކާއެތިކޮޅެއް ލިބެއެވެ. އެ އަންހެންމީހާގެ ޚުލްޤް ހެޔޮ ކަމަށްޓަކައި އަޅުގަނޑުމެން އޭނާއަށް މުޚާޠަބު ކުރަނީވެސް މާމަ ކިޔައިގެންނެވެ.

މިފަދަ ނިކަމެތި ޙާލެއްގައި އުޅެމުން އަންނަނިކޮށް އަޅުގަނޑު ނޫނީ އެހެން ހުރިހާ އެންމެން އެއްގަމު ގޭގެއަށް ބަދަލުކޮށް ނިމިއްޖެއެވެ. އަޅުގަނޑަކީ ގަހަކަށް ރުކަކަށް އެރޭ މީހަކީމެއް ނޫނެވެ. މިހާހިސާބަށް ދިއުމުން އަޅުގަނޑު އެކަނިވެރި ވީތީ ވަރަށް ބޮޑަށް ދެރަވިއެވެ. އަމިއްލަ ނަފުސުގެ މައްޗަށް ރޮއި ހިތާމަ ކުރީމެވެ. ކެއިން ބުއިމަށްވެސް ދަތިވެއްޖެއެވެ. މިހެން އުޅުމުގެ ތެރޭ އެއްރޭ ފަތިސް ނަމާދުކޮށް ނިމިގެން އައިސް މިސްކިތު ފާރުމަތީ އިށީނދެއްޖެއީމެވެ. އެ ދުވަހު ހެނދުނު ނާސްތާއެއް ކުރާނެ ފަދައެއްވެސް ނެތްޙާލުގައެވެ. މިކަމުން ސަލާމަތް ވެވެޭނެ ދުވަހެއް ދެއްކެވުން އެދި މާތް ﷲ އަށް ދުޢާ ދަންނަވާ ޙާލުގައެވެ.

އަޅުގަނޑު އެ ފާރުމަތީ އިށީންތާ އިރުކޮޅެއް ފަހުން އަޅުގަނޑުމެންގެ ތެރެއިން އެކަކު ކަމުގައިވާ ހިތަދޫ މަނިކުގެ މުޙައްމަދު މަނިކު އައިސް ތިމަންނަ އުޅޭ ގޭގެ ވަޅުދިޔަ ހިއްކައިދޭން އަންނާށޭ ބުނެފިއެވެ. މިހެން ބުނުމުން އަދި އަޅުގަނޑު މިހިރީ ހެނދުނު އެއްވެސް ނާސްތާއެއް ނުކޮށްކަމަށް ބުނީމެވެ. ދެން މުޙައްމަދު މަނިކު އަޅުގަނޑު ގެންގޮސް އޭނަ އުޅޭ ގެއިން އަޅުގަނޑަށް ހެނދުނު ނާސްތާއެއް ހޯދައިދިނީއެވެ. ނާސްތާ ކޮށްގެން ދެމީހުން ވެގެން އެގޭ ވަޅު ދިޔަހިއްކާފަ އަނެއްކާވެސް އަޅުގަނޑު ގޮސް މިސްކިތު ފާރުމަތީގައި އިށީނދެއްޖެއީމެވެ. މިހެން އިންދާ އަޅުގަނޑުމެންގެ ތެރެއިން އެކަކު ކަމުގައިވި ބުގެ ޢަލިދީދީ އައިސް އަޅުގަނޑު ގާތު މަސްހިފަން އަންނާށޭ ބުނުމުން އޭނާއާއެކު އަޅުގަނޑު ދިޔައީ މަސްހިފާށެވެ. މިދުވަހު ހިފި މަސް ހިފައިގެން އަޅުގަނޑުމެން ދެމީހުން ދިޔައީ ބުގެ ޢަލިދީދީ އުޅޭ ގެއަށެވެ. އެހާހިސާބުން އަޅުގަނޑަކީ އެހީތެރިވާނެ ވާލެއް ޔާރެއް ނެތްމީހެއްކަން އެގޭ މީހުންނަށް އެނގިގެން މެންދުރު އަޅުގަނޑަށް ކާންދިނެވެ. އެރޭވެސް އެގެއިން ކައިގެން އުނދޯލިގެ ތެރޭގައި ފަންގަނޑެއް އަޅައިގެން އަޅުގަނޑު ނިދީއެވެ.

އެގޭމީހުންގެ ހިތްހެޔޮކަމާއެކު އެއަށްފަހު އަޅުގަނޑާއި ބުގެ ޢަލިދީދީއާއި ޢަބްދުﷲ ފާއިޒާއި، އިސްމެހެލާގެ ޙުސައިނާއި ހަތަރުމީހުން އުޅުނީ އެގޭގައެވެ. އަޅުގަނޑުމެން އެގޭގައި އުޅުނަސް ކައްކައި ކައި ހަދަނީ އަޅުގަނޑުމެންގެ މަސައްކަތުން ތަކެތި ހޯދައިގެންނެވެ. ޙުސައިން މަހަށް ހިނގައްޖެއްޔާ ކައްކަނީ އަޅުގަނޑެވެ. އަޅުގަނޑު މަހަށް ހިގައްޖެއްޔާ ކައްކަނީ ޙުސައިނެވެ. ބައެއްފަހަރު އަޅުގަނޑުމެން ކެއްކުމުގެ މަސައްކަތުގެ ތެރޭގައި އުޅޭއިރު އެއަވަށުގެ ބައެއް މީހުން އައިސް އެހީތެރިވެދެއެވެ. އަޅުގަނޑުމެންނާ ބެހޭ ގޮތުން އެމީހުން މައުލޫމާތު ހޯދައެވެ.

މިހެން މި ބުރަމަސައްކަތް ކޮށްގެން ބަލިވީމާ އަޅާލާނެ މީހަކުވެސް ނެތި އެތައް އަހަރަކަށް އުޅުނުފަހުން 1966 ވަނައަހަރު ނޮވެމްބަރ 11 ވަނަ ދުވަހު މެންދުރުން އަނބުރާ 2:00 ގައި އަޅުގަނޑުމެން އަތޮޅު އޮފީހަށް ގެންގޮސްފިއެވެ. އަތޮޅުވެރިން ވިދާޅުވީ މަޙްކަމަތުލް އަމަންޢާއްމުން ކަލޭމެން މާލެ ފޮނުވަން އަންގަވައިފި ވާހަކައާއި، މިހާތަނުން ކަލޭމެންނަކީ މިނިވަނުން ކަމަށެވެ. އޭރު އަޅުގަނޑުމެން އެރަށުގައި އެކިބާވަތްބާވަތުގެ ގޮވާމުގެ ދަނޑުތައްވެސް އޮތީ ހައްދާފައެވެ. އެހެންނަމަވެސް، އެރަށުންފުރި އުޅަނދުފަހަރުގައި އަޅުގަނޑުމެން މާލެ ފުރުވައިފިއެވެ. މާލެގޮސް މަޙްކަމަތުލް އަމްނުޢާއްމާ އަޅުގަނޑުމެން ޙަވާލު ކުރުމުން އެ މަޙްކަމާއިން އެންގެވީ ކަލޭމެންނަކީ ތީ މިނިވަން ރައްޔަތުންކަމަށެވެ. އައްޑުއަތޮޅަށް ފިޔަވައި އެހެން ކޮންމެ އަތޮޅަކަށްވެސް ދެވޭނެ ކަމަށެވެ. އައްޑުއަތޮޅަށް ދެވޭނީ މި މަޙްކަމާގެ ޚާއްޞަ ހުއްދައެއް ލިބިގެން ކަމަށެވެ.

ދަތުރުކުރި ބޯޓު ބެހިގެން ކަނޑުމަތީގައި ޙާލުގައި ޖެހުން:

މާލޭގައި އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ދަންނަ ގެއެއް ނެތުމާއެކު އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑާއި، ޢަބްދުﷲ ފާއިޒާއި، ބުގެ ޢަލިދީދީ އާއި، ތިންމީހުން ބ.އަތޮޅުގެ ބޯޓަކަށް ޖައްސައިފިއެވެ. އެބޯޓުން ކައިގެން އެބޯޓުން ފެންވަރައިގެން އުޅެމުން އައިސް 1967 ގެ ޖުލައިމަހުގެ 26 ގެ ކުޅިވަރަށްފަހު ބޯޓު ފުރައިގެންގޮސް ވިއްސާރަވެގެން ހައްދުންމަތީ މާމެންދޫ ބޭރު ބޯޓު ޖައްސައިފިއެވެ. އަޅުގަނޑުމެން ތިން މީހުންގެ މަޤްޞަދަކީ، ހުވަދުއަތޮޅަށް ފޭބުމެވެ. ދެދުވަސް ވަންދެން މާމެންދޫ ބޭރުގައި ތިބުމަށްފަހު ތިންވަނައަށްވީ ދުވަހު ބޯޓު ފުރައިގެން ދަތުރުފަށައިފިއެވެ. އޭރުވެސް ވަރަށް ވައިބާރެވެ. ކަނޑު ގަދައެވެ. ރާޅު ބޮޑެވެ. އަޅުގަނޑުމެންގެ ފަހަތުން ހިތަދޫ މުޙައްމަދު ސައީދު ބޯޓުވެސް ދަތުރުކުރަން ފެށިއެވެ. ދެބޯޓުން ދެބޯޓަށް ވޯކީޓޯކީން ވާހަކަދައްކަމުން ގޮސް އެދުވަހު ހަވީރު ތިނެއް ޖަހައިފިއެވެ. އެފަހުން މުޙައްމަދު ސަޢީދު ބޯޓަކާ އަޅުގަނޑުމެންނަކާ ނުގުޅެއެވެ. އެދުވަހު އިރު އޮއްސުނުއިރުވެސް އެއްވެސް ތަނެއް ނުފެނެއެވެ. ދެރޭދެދުވާ ވީއިރު ބޯޓުން ބޯފެންވެސް ހުސްވެއްޖެއެވެ. ތެޔޮފޮދު ހުސްވާން ކާރިވުމުން ސަތަރިގަނޑެއް ނަގައިގެން ބޯޓު ދުއްވަނީއެވެ. ވަކި މިސްރާބެއް ނެތިއެވެ. އޮޔަށް ވަޔަށް ދާނެ ގޮތަކަށް ދިއުމަށެވެ. މިދަތުރުގައި ކަނޑުމަތިން ބޮޑެތި ބޯުފަހަރާވެސް ދިމާވެއެވެ. އެކަމަކުވެސް އަޅުގަނޑުމެން ޖަހާ ހަމަކަށް ބަލައިލުމެއްނެތި ދަތުރުކޮށްފަ ދަނީއެވެ. ފަނަރަރޭ ފަނަރަދުވާ ފާއިތުވެއްޖެއެވެ. މީހުންގެ ތުނބުޅި މަތިމަސް ދިގުވެ ރޯހަނޑޫ ކާ ހިސާބަށް ހިނގައްޖެއެވެ.

އަޅުގަނޑުމެންގެ ތެރެއިން އެންމެ ބަލި ޙާލު ބޮޑުވީ ބުގެ ޢަލިދީދީއެވެ. ވާރޭފެންފޮދެއް ލިބުމުން ފެންފޮދެއް ހިފައިގެން ބުގެ އަލިދީދީ ގާތަށް އޭނާއޮތް ތަނަަށް އަޅުގަނޑު ދިޔައިރު، ޢަލިދީދީ އޮތީ މަރުވެފައެވެ. ދެން އަޅުގަނޑުމެން އެންމެންވެގެން ޢަލިދީދީ ހިނަވާ ކަފުންކޮށް ހަނޑޫބަސްތާއެއް ޖަހާފަ އަލިދީދީ ކަނޑު ފެއްތީއެވެ. މިކަމުގެ ހިތާމައާއި މޮޅިވެރިކަމުގައި ރޮއިރޮއި ތިއްބާ ކުއްޖަކު ކަމަރާ މައްޗަށް އަރައި އެއޮތީ ކަރައޭ ކިޔާފަ ހަޅޭއް ލަވައިގަތެވެ. ދެން އެތައް މަސައްކަތުން ކަރުގޮނޑަށްވަދެ ކަރުގޮނޑުން ބަނދަރަކާ ހަމައަށް ދެވެންދެން ދުއްވަމުން ދިޔައީއެވެ. ދަތުރުކުރަމުން ގޮސް ނަގިލިފިފާ ހިސާބަކަށް ދެވުމުން ނަގިލި ލީއެވެ. އޭރު އެރޭ ބާރަޖެހީއެވެ.

އަންޒަމާންކަރައަށް ދެވުމާއި އެނބުރި ވަޒަނަށް އައުދެވުން:

ހެނދުނު އަލިވެގެން ބަލައިލިއިރު، މިރަށަކީ ވަރަށްބިޔަ ވަރަށް އުސް ލަކުޑިގަސްތަކެއް ހެދިފައިއޮތް ރަށެކެވެ. މުޅި އެހިސާބުގަނޑުންވެސް އެއްވެސް އިމާރާތެއް ގެއެއް ނުފެނެއެވެ. ދެން ނަގިލި ނަގައިގެން ކަރުގޮނޑުން ރަށާ ކައިރިން މަޑުމަޑުން ދަތުރު ފަށައިފީމެވެ. މެންދުރު ބާރަޖަހާ އެހާކަށްހައި އިރު ކުޑަކުޑަ ބޮއްކުރާގަނޑެއްގައި ދަތުރު ކުރަމުން އަން ން ދެތިން މީހަކު ފެނިއްޖެއެވެ. އަޅުގަނޑުމެން ހަންޖެހުމުން އެ ބޮއްކުރާ އައިސް އަޅުގަނޑުމެންނާ ކައިރި ކޮށްލައިފިއެވެ. އެމީހުންގެ ފަރާތުން އެނގުނު ގޮތުގައި މިއީ އަންޑަމަން އައިލެންޑްސް ކިޔާ އަންޒަމާން ކަރައެވެ. ދެން އެމީހުން އާރުކާޓީންގެ ގޮތުގައި ބަލައިގެން މީހުން އުޅޭ ހިސާބަކަށް ދިޔައީއެވެ. އެތަނުން އަޅުގަނޑުމެންނާ ދިމާވީ ސިފައިންގެ އިސް އޮފިސްރުންތަކާއެވެ. އެމީހުން ވާހަކަދެއްކީ އިނގިރޭސިބަހުންނެވެ. އަޅުގަނޑުމެންނަކީ ކޮންތާކު ބައެއްކަމާ، ދަތުރުގައި ދިމާވި ކަންތައްތަކާ ބެހެން މެދުވެރިވި ސަބަބު އަޅުގަނޑާއި ޢަބްދުﷲ ފާއިޒާ ދެމީހުންވެގެން އެމީހުންނަށް ކިޔައިދީފީމެވެ. އަޅުގަނޑުމެން ދެމީހުން ނޫން އެހެންމީހަކަށް އެމީހުންނާ ވާހަކައެއް ދައްކާކަށް ނޭނގެއެވެ.

އެމީހުންގެ އޯގާވެރިކަމާއެކު އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަލިމީހުން ހޮސްޕިޓަލަށް ގެންދެވުނެވެ. އެމީހުންގެ ޚަރަދުގައި ބޭސްފަރުވާ ހޯދައިދިނެވެ. އަދި މިނޫނަސް ކިތަންމެ ކިތަންމެ ކަމެއްގައި އެމީހުން އަޅުގަނޑުމެންނަށް ވަރަށް އޯގާވެރިކޮށް ކަންތައް ކޮށް ދިނެވެ. އެއީ އެމީހުންނަކީވެސް މުސްލިމް ބަޔަކަށްވެފައި އަޅުގަނޑުމެންނަކީވެސް މުސްލިމުން ކަމަށްވީތީއެވެ. އަޅުގަނޑުމެންގެ ނަމާއި ރަށާއި އެޑްރެސް ނޯޓުކޮށްގެން އެމީހުންގެ ހިޔާވަހިކަމުގައި ދުވަސްކޮޅަކަށް އުޅެން ޖެހުނެވެ. އެދުވަސްކޮޅުތެރޭގައި ދުވާލެއްގެ މައްޗަށް އަޅުގަނޑުމެން ކުރެ ކޮންމެ މީހަކަށް އެމީހުންގެ 2 ރުފިޔާ (ޖީބު ފައިސާގެ ގޮތުގައި) ދެމުން ގެންދިޔައެވެ. ކޮންމެ ގެއަކަށް ވަނަސް ރަނގަޅަށް ކާން ލިބެއެވެ. ނިދާނެ ތަން އެންމެންނަށްވެސް އެމީހުން ހަމަޖއްސައި ދިނެވެ.

އެގޮތުގެ މަތިން 4 މަސް ދުވަހު އަންޒަމާންކަރައިގައި އުޅުމަށްފަހު އެމީހުންގެ ޙިމާޔަތުގައި އާގުބޯޓަކުން އަޅުގަނޑުމެން ގޮވައިގެން އިންޑިއާގެ މެޑްރާސް އަށް ގެންގޮސްދިނެވެ. މެޑްރާސް އިން ރޭލުދަތުރުގައި އިންޑިއާގެ ބަނދަރަކަށް ގެންގޮސް އެތާގައި ކޮލަމްބޯއަށް ފުރަން ތައްޔާރުކޮށްފައިވާ އާގުބޯޓަކުން ކޮލަމްބޯއަށް ފޮނުވައި ދިނެވެ. ކޮލަމްބޯއިން އަނެއްކާވެސް ކަނޑު ދަތުރުކޮށްފައި އާދެވުނީ މާލެއަށެވެ. މާލެއަށް ގޮސް ސަރުކާރަށް ސިޓީލައިގެން އަޅުގަނޑަށް އަޅުގަނޑުގެ ވަޒަނަށް އާދެވުނީ ހަތަރު އަހަރު ފަހުން، 28 ނޮވެމްބަރ 1968 ގައެވެ."
__________________________________________________________
ނިމުނީ