ފުވައްމުލަކަކީ ސިޔާސީ ވިސްނުމުގެ މިސާލެއް ކަހަލަ ރަށެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ސިޔާސީ ފިކުރާއި ޕާޓީ ފިކުރު އުފެދިގެން އައުމުގެ މާ ކުރިން ފުވައްމުލަކު ރައްޔިތުންގެ ކިބައިގައި އެ ފިކުރުތައް ހުރި ކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވި އެވެ.
އަދި އޭރު ވެސް ފުވައްމުލަކުގައި ދެ ޕާޓީއެއް އަމިއްލަ ނަންނަމުގައި ހަރަކާތްތތެރިވަމުން ދިޔަކަމަށާއި އެ ދެ ޕާޓީން އަމިއްލައަށް ނޫސް ނެރެ އުޅުނު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަތޮޅުވެރިއެއްގެ ގޮތުގައި ފުވައްމުލަކުގައި ދުވަސްތަކެއް ހޭދަކުރައްވައިފައިވާ ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ އެ ރަށުގައި ހުންނެވި ދުވަސްވަރު ވެސް ފުވައްމުލަކު ރައްޔިތުން ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހޭލުންތެރި ކަމަށެވެ.
ޑރ. މުސްތޮފާ ލުތުފީ އޭރު ފުވައްމުލަކަށް ވަޑައިގަތުމުން މީހުން އެމަނިކުފާނު އަރިހުގައި އެކަނިވެރިކޮށް ނުދާނޭ ކަމަށް ވިދާޅުވި ކަމަށާއި، އެ މަނިކުފާނު ފުވައްމުލަކުން ދިޔައީ ވަރަށް އުފާވެރި އަދި ހަނދާނުން ނުފޮހެވޭނެ ހަނދާންތަކާއި އެކީކަން ފާހަގަ ކުރެއްވި އެވެ. އަދި ފުވައްމުލަކު ރައްޔިތުން އިލްމަށް ލޯބިކުރާ ކަމަށާއި، އިލްމަށް ލޯބިކުރާ މީހުންނަށް ހާއްސަ ގަދަރެއް ހިތުގައި އޮންނަކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ޖެހިޔަސް ނުޖަހާށޭ ވިދާޅުވާ ކަމަށާއި އެމްޑީޕީއަކީ ސުލްހަވެރި ޕާޓީއެއްކަން ޑރ. މުސްތޮފާ ލުތުފީ ފާހަގަ ކުރެއްވި އެވެ. އަދި އެ ޕާޓީން ގައުމު ކުރިއަރުވާނޭ ކަމަަށް ވިދާޅުވި އެވެ. ސިޔާސަތުތައް ހެދީ ރައްޔިތުންގާތު އަހައިފައި ކަމަށާޢި ރައްޔިތުން ތިބީ އެމްޑީޕީ ސަރުކާރުންކޮށްދިން ކަންތަކާއި އުފަލުން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ސިޔާސަތުތަކުން ފައިދާ ކުރާނީ ފަސް އަހަރަށް ނޫން ކަމަށާއި ދަރީންގެ ދަރީންނަށްވެސް ފައިދާ ކުރާނޭ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ކަންތައްތައްކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ ވެރިކަމަށް އެއްބުރުން މިފަހަރު ހޮވާނެ ކަމަށާއި، ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ ތައުލީމަށްވެސް އިންގިލާބެއް ގެންނާނެ ކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވި އެވެ. އަދި މި ފަހަރު ސަމާލުކަން އެންމެ ބޮޑަށް ދޭނީ އިންސާނާ އަށް ދޭ ޚިދުމަތަށް ކަމަށް ވިދާޅުވި އެވެ.