އައްޑޫގެ ސްކޫލްތަކުގެ އާ ކްލާސް ރޫމްތަކާއި، ފޭދޫ ސްކޫލްގެ ހަތަރު ބުރީގެ އިމާރާތެއްގެ ބިންގާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ފާއިތުވި ދެ ދުވަހު އަޅުއްވައި ދެއްވި އިރު އެތަންތަން އިމާރާތް ކުރުމުގެ ޕްލޭނެއް ފައިސާއެއް ނެތް ކަމަށް ހަބަރު ލިބިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެޑިއުކޭޝަން މިނިސްޓަރ އައްޑުއަށް ވަޑައިގެން ވަނީ ނޫރާނީ ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފަ އެވެ. އެއީ 8 ކުލާސް ރޫމް ހިމެނޭ އިމާރާތެކެވެ. އަދި ހިތަދޫ ސްކޫލްގައި 12 ކްލާސް ރޫމް އަޅަން ބިންގާ ވަނީ އަޅުއްވާފަ އެވެ.
ނަމަވެސް މިއިން އެއްވެސް އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލު ކޮށްފައި ނުވެ އެވެ. އަދި އެކަމަށް ބަޖެޓެއް ވެސް ނެތްކަމަށް ވަނީ އިތުބާރު ހުރި ގޮތަކަށް އެނގިފަ އެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރ އައްޑު އަށް ވަޑައިގެން ތަން ތަނުގެ ބިންގާ އަޅުއްވައިދެއްވާފައި ވަނީ ޑރ. މުހައްމަދު ވަހީދު ހަސަންގެ ކެމްޕެއިން ތެރެއިންނެވެ.
ފޭދޫ ސްކޫލްގެ ހަތަރު ބުރީގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވި އިރު އިމާރާތް ކުރަންޖެހޭ ބިން ހަމަނުޖެހެއެވެ. އަދި ސްކޫލްގެ ކުރެހުމެއްވެސް ނެތެވެ.
އާސިމް ވަނީ މިދަތުރުގައި އައްޑޫ ހައި ސްކޫލްގައި އަލަށް އިމާރާތް ކުރި ކްލާސްރޫމް ބަރި އާއި މަރަދޫ ފޭދޫ ސްކޫލްގެ އާ ކްލާސް ރޫމް ހުޅުވައި ދެއްވާފަ އެވެ.
އަދި އައްޑޫ ހައި ސްކޫލްގެ ކްރާސް ރޫމް ހުޅުވުގެ ރަސްމިއްޔާތަށް ތައްޔާރު ކުރުމުގައި ނޫ ކުލަ ބޭނުން ކުރުމަށް އެންގި ކަމަށް މައުލޫމާތު ލިބިފައިވެއެ ވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އަހުމަދު އާސިމް އަކީ ގައުމާއިގެން ކުރިއަށް ކޯލިޝަންގައި ހިމެނޭ ޑީއާރްޕީއަށް ނިސްބަތް ވެވަޑައިގަންނަވާ މިނިސްޓަރެކެވެ.