Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އިގްތިސާދީ ހަރަކާތް އަވަސްނުކޮށްފިނަމަ އައްޑޫ ރައްޔިތުން ހާލުގައި ޖެހޭނެ: އުމަރު

އައްޑޫ ސިޓީގައި އިގްތިސާދީ ހަރަކާތް އަވަސްނުކޮށްފިނަމަ އެ ސިޓީގެ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ އެތަށް ރައްޔިތެއްގެ ވަޒީފާ އާއި ގުޅިފައިވާ، ޝަންގިރިއްލާ ރިސޯޓް ދާއިމީކޮށް ބަންދު ކުރަންޖެހިދާނެ ކަމަށް އެފަރާތުން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އަދި މިހެން މިކަން ވެއްޖެނަމަ، ކޮވިޑް 19 ގެ ސަބަބުން އެންމެބޮޑު ހީނަރު ކަމެއް ލިބިގެންދާނީ އައްޑޫއަށް ކަމަށް އުމަރު ވިދާޅުވިއެވެ.

"އެހެނީ ރާއްޖޭގެ ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން ބޮޑުބަޔަކީ އައްޑޫ ރައްޔިތުން ކަމަށްވުމާ، ޝަންގިރިއްލާގައި 250 އައްޑު ރައްޔިތުން ވަޒީފާ އަދާ ކުރާތީއެވެ. އަދި މި ރިސޯރޓް އިން ކުރާ ވިޔަފާރިން، މަހަކު 80،000 ޑޮލަރު އައްޑޫ ގެ އިޤްތިސާދުގެ ތެރޭގައި ދައުރުކުރާތީއެވެ. މިހާރުވެސް ހެރެތެރެ ރިސޯރޓް ވަނީ ބަންދުކޮށްފައެވެ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ހިއްސާ ޝަންގިރިއްލާ ގައި އޮތަސް ސަރުކާރުން ގެއްލުމުގެ ޒިންމާއެއް ނުނަގައެވެ. އެހެން އެކަން އޮއްވާ ސަރުކާރުން ފުރަތަމަ އެތަނަށް ކަނޑައެޅި އެނދުކުލި، ޓޫރިޒަމް ޤާނޫނަށް ގެނެވުނު އިސްލާހާ އެކުގައި ބޮޑުވުމުގެ ސަބަބުން އިތުރަށް ޝަންގިރިއްލާ އަށް ގެއްލުން ވަމުން ގޮސްފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ އައްޑޫގައި އިޤްތިސާދީ ހަރަކާތްތަށް އަވަސް ނުކޮށްފިނަމަ ރާއްޖޭގެ އާބާދީ އެންމެ ބޮޑު ދެވަނަ އަތޮޅުގެ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ވަޒީފާނެތް ޒުވާނުން ރާއްޖޭގައި އެންމެގިނައީ އައްޑޫ ސިޓީގައި ކަމަށް އުމަރު ވިދާޅުވިއެވެ.

ޝަންގްރިއްލާ ބަންދުކުރަން ޖެހިދާނެކަން އެ ރިސޯޓުން ސަރުކާރަށް އަންގާފައިވާ ކަމަށް އުމަރު ވިދާޅުވި ނަމަވެސް އެ ރިސޯޓުން ރަސްމީކޮށް މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.