ޑާކް ރެއިން އެންޓަޓެއިންމަންޓުން "ހުޅުދާން" ގެ ނަމުގައި ފިލްމެއް ހެދުމުމުގެ މަސައްކަތް ފަށައިފި އެވެ.
މިދިޔަ އަހަރު "ފަތިސްހަނދުވަރުގެ ފެށުން" 3ޑީ ގެނެސް ދިން ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ "ހުޅުދާން" ގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އެވެ.
އިލެކްޝަން ކޮމިޝަަނަރު ފުއާދު ތައުފީގުގެ އަންހެން ދަރިފުޅު އަދި "ލޫދިފާ" ގެ ޑައިރެކްޓަރު މޫމިން ފުއާދުގެ ކޮއްކޮ އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް ތައްޔާރު ކުރާ "ހުޅުދާން" އަކީ އުމުރުން ދުވަސްވީ މީހަކު އޭނާ އަދާ ކުރާ ވަޒީފާ އިން ރިޓަޔާ ކުރަން ޖެހުމުން، އޭނާގެ ހަޔާތަށް ދެން ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.
މި ފިލްމުގެ އެންމެ މުހިއްމު ރޯލެއް އަދާ ކުރާނީ ރޯނު ހަސަން މަނިކު އެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ މަޖޫ ފަދަ ތަރިން "ހުޅުދާން" އިން ފެނިގެން ދާނެ އެވެ.
މި ފިލްމް ސިނަމާ އަށް އަންނާނެ ތާރީހެއް އަދި ޑާކް ރެއިނުން އިއުލާނެއް ނުކުރެ އެވެ.
ޑާކް ރެއިންގެ ކުރިއށް ހުރި ފިލްމްތަކުގެ ތެރޭގައި އައިޝަތު ރިޝްމީ އާއި މުހައްމަދު މަނިކު ލީޑް ރޯލް ކުޅެފައިވާ "މިކޮއި ބައްޕަ ބައެބައެ" ހިމެނެ އެވެ.
މިއީ ރަވީ ފާރޫގް، މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ ފިލްމެެކެވެ.